އެމެރިކާ އާއި އިޒްރޭލުން އީނާރަށް މިއަދު ދިން ހަމަލާތަކާ އެއާ ގުޅިގެން އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަލްފުގެ ގައުމުތަކުގެ އެއާސްޕޭސް ބަންދުކޮށް، އެ ގައުމުތަކުގެ ގިނަ އެއާލައިންތަކުގެ ފްލައިޓުތައް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - މި ހަމަލާތަކާ ގުޅިގެން، ރާއްޖެ އަންނަ އެމިރޭޓްސް، ފްލައިދުބާއީ، އިއްތިހާދު އަދި ގަތަރު އެއާވޭސްގެ އިތުރުން، ކުވައިތު އެއާވޭސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާ ނުވަތަ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ.
އެއާ އެކު، މާލެއިން ދުބާއީއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް، ގަލްފް ސަރަހައްދުގެ ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން އަނބުރާ ރާއްޖެއަށް އައުމަށް ވަނީ ދަތުރު ފަށާފަ އެވެ.
މިއަދު މާލޭން ފުރި މި ބޯޓު އަނބުރާ ރާއްޖެއަށް އައުމަށް މިސްރާބު ބަދަލުކުރީ، ސަރަހައްދީ އަސްކަރީ ހަމަނުޖެހުންތަކާ ގުޅިގެން ގަލްފުގެ ގިނަ ގައުމުތަކަކުން ވައިގެ ދަތުރުފަތުރުތައް ހުއްޓާލައި ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ޔޫއޭއީއަށް ވަނުމަށް ހުރަސްތަކެއް ކުރިމަތިވުމުންނެވެ.
ތަފްސީލް - އީރާން، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރޭނުން ވައިގެ ސަރަހައްދު ބަންދުކުރަން ނިންމީ، އީރާނުގެ ތެހެރާނުގައި ގޮވުންތަކެއް ގޮވުމާއި އީރާނަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވާކަން އިޒްރޭލުން ކަށަވަރުކޮށްދިނުމާ ގުޅިގެން، މަސްރަހު ނުތަނަވަސްވުމުގެ ސަބަބުންނެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ، ސަލާމަތީ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގަތަރާއި ކުވައިތުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ވައިގެ ދަތުރުފަތުރުތައް ވަގުތުން ހުއްޓާލާފަ އެވެ.
ބަހްރޭނުން ވެސް ވައިގެ ސަރަހައްދު ބަންދުކުރީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދޭން އުޅޭކަމުގެ ރިޕޯޓުތަކާ ގުޅިގެންނެވެ.
އެއް ވަގުތެއްގައި ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން، އިރުމައްޗާއި ހުޅަނގުގެ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މުޅި ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަލްފުގެ އެއާލައިންތައް ހުއްޓުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ