މޮރިޝަސްއިން ގުޅުން ކަނޑާލުމުން ވަރަށް ކަންބޮޑުވޭ، ނަމަވެސް ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން، މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުންތައް ކަނޑާލި ނަމަވެސް އެ މައްސަލައިގައި ރާއްޖޭން ފަހަތަށް ޖެހޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުންގެ އިއްޔެ ވަނީ، ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުން ދިވެހިރާއްޖޭގެ ސަރުކާރުން ހުއްޓާލައި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އެހެންވެ، ރާއްޖެއާ އޮތް ހުރިހާ ސިޔާސީ ގުޅުމެއް ވަގުތުން މެދުކަނޑާލުމަށް ކެބިނެޓުން ނިންމިކަން ވަނީ އިއުލާންކޮށްފައެވެ. https://sun.mv/218482 އެ ނިންމުމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެ ނިންމުމާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ދެ ގައުމުން މަޝްވަރާކޮށް، ސުލްހަވެރި ހައްލެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ލިޔުއްވާފައިވެއެވެ. އޭގެ ފަހުން، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު ވިދާޅުވީ، މޮރިޝަސްއާ މަޝްވަރާތައް ބޭއްވި ނަމަވެސް، ރާއްޖޭން ފަހަތަށް ޖެހެން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. https://x.com/MohamedNasheed/status/2027456421248348587 "މޮރިޝަސްއާ ވާހަކަ ދައްކަން ޖެހޭ، އެހެނަސް ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. މި ސަރުކާރުން އަންނަނީ، ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ބުނަމުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު އަލުން ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. މި މަހުގެ ފަސް ވަނަ ދުވަހު އެ މަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ، ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން އެ ސަަރަހައްދުގައި ސިފައިން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. https://www.sun.mv/217659 މީގެ ކުރިން ނަޝީދު ވެސް ވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި، ރާއްޖޭން ސިފައިން ފޮނުވައިގެން އަމަލުކުރަނީ އެމެރިކާއާއި އިނގިރޭސިވިލާތުން ރުހުން ދިން ގޮތަށް ކަމަށް އެ މަނިކުފާނު ލަފާކުރައްވައިފައިވެއެވެ. ޗާގޯސްގައި އަސްކަރީ މަރުކަޒެއް ހަދައިފައިވާ އެމެރިކާއިން އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން ވަނީ އެ އެއްބަސްވުމަށް ރުހުން ދީފައެވެ. އަދި ރައީސް، އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި ދެ އިންޓަވިއުއެއްގައި ރާއްޖެއަށް ޗާގޯސް ހައްގު ކަމަށް ވިދާޅުވެފައި ވަނިކޮށް، އިނގިރޭސީން ވަނީ، ޗާގޯސްގެ މައްސަލައަކީ ހަމައެކަނި އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ