ހަނިފަރާ ކައިރި ދަރަވަންދޫ ބިން ހިއްކާކަށް ނުނިންމަން: މިނިސްޓަރުން

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް، ހަނިފަރު ބޭ ސަރަހައްދުގައި އޮންނަ ދަރަވަންދޫގެ އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމަށްޓަކައި ދަރަވަންދޫގެ ފަޅު ހިއްކަން ސަރުކާރުން ނިންމާފައިނުވާ ކަމަށް ކަމާ ގުޅުން ހުރި ދެ މިނިސްޓަރަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ދަރަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއަކަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޑިޒައިނެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ހަނިފަރު ބޭއަށް އަސަރުކުރާހާ ކައިރީގައިވާ ބައެއް ހިއްކަން އުޅޭތީ ގިނަ ބަޔަކު ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ބައެއް މީޑިއާތަކުން ވަނީ ސަރުކާރުން އެ ބިން ހިއްކަން ނިންމި ކަމަށް ވެސް ރިޕޯޓްކޮށްފަ އެވެ.
ތަފްސީލް - އެކަން ދޮގުކުރައްވައި ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވީ:
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
މުއްތޮލިބް ވިދާޅުވީ ދަރަވަންދޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން ހަމައެކަނި ކުރެވުނުހާ ކަމަކީ ވެސް މިދިޔަ އަހަރުގެ ތެރޭގައި ޕްރިލިމިނަރީ ކޮންސެޕްޓެއް ދިރާސާކުރުން ކަމަށެވެ. ބިން ހިއްކުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރަވަންދޫ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކަށް އަދި ހުއްދައެއް ދީފައެއް ނުވާނެ. އެޕްރޫވްޑް ޕްރޮޖެކްޓެއް އޮތް ނަމަ ފުރަތަމަ ވެސް މަޝްވަރާ ކުރާނީ ރަށު ކައުންސިލާ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރަންވޭ ބޮޑުކުރުމާއި ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
ސަރުކާރުން މި ވަގުތު މަސައްކަތްކުރަމުން އަންނަނީ އެ އެއާޕޯޓްގެ ވަސީލަތްތައް ތަރައްގީކުރުމާއި ޓާމިނަލްގެ އުމްރާނީ ބިނާ އިތުރަށް ތަރައްގީކުރުމުގެ އިތުރުން އެއާޕޯޓްގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުން ކަމަށް އަމީން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން ހަނިފަރު ބޭ ކައިރީގައި އޮންނަ ދޮންފަނުގެ ބިން ހިއްކަން ސަރުކާރުން ނިންމުމުން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
ފާޑުކިއުންތައް އަމާޒުވުމާ އެކު، ދޮންފަނު މީހުން ފަހުން ބިން ހިއްކަން ބޭނުންނުވުމުން ކަމަށް ބުނެ ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.
ނަމަވެސް ބިން ހިއްކަން ބޭނުންވެގެން އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ. ކުރިން ބިން ހިއްކަން ސަރުކާރުން ނިންމީ ވެސް އެ ރަށު މީހުން އެ ގޮތަށް ބޭނުންވާތީ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ