އީރާނާ ދެކޮޅަށް ހިންގަނީ ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް: ޓްރަމްޕް

އީރާނާ ދެކޮޅަށް އެމެރިކާގެ ސިފައިން ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ފަށާފައިވާ ކަމަށާއި އީރާނުގެ ރައްޔިތުންނަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ އެ ގައުމުގެ ސަރުކާރު ވައްޓާލުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާއާ ގުޅިގެން އިޒްރޭލުން އީރާނަށް މިއަދު ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކަކީ އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި އިސްވެ ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ބުނެ އެވެ.
މި ހަމަލާތަކާ އެކު މެދުއިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް އަލުން ފެށި، އީރާނުގެ ނިއުކްލިއާ މައްސަލާގައި ހުޅަނގުގެ ގައުމުތަކާ އެކު ވާހަކަދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދިޔަ އުންމީދުތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޓްރަމްޕްގެ ޓްރޫތު ސޯޝަލް އެކައުންޓުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަސްކަރީ އޮޕަރޭޝަނެއްގެ ބައެއް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނުގެ ފުރިހަމަ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
އީރާނުން އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އަލުން ބިނާކުރަމުންދާ ކަމަށާއި، ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިންނާއި އެމެރިކާ ސިފައިންނަށް ނުރައްކާވާނެ ފަދަ މިސައިލްތައް އުފައްދަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މި މިސައިލްތަކަކީ ވަރަށް އަވަހަށް އެމެރިކާގެ މައި ބިމާ ހަމައަށް ފޯރާނެ އެއްޗެއް ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
"އަހަރެމެން އެ މީހުންގެ މިސައިލްތައް ނައްތާލައި އެ ތަކެތި އުފައްދާ މުޅި ސިނާއަތް ސުންނާފަތިކޮށްލާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެން އެ މީހުންގެ ކަނޑުގެ ސިފައިން ބަލިކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް، އެ ސަރަހައްދާއި މުޅި ދުނިޔޭގެ މަސްލަހަތު ނަގާލުމުގެ ފުރުސަތެއް ނުދޭނަން."
މީގެ އިތުރުން، ޓްރަމްޕް ވަނީ އީރާނުގެ ރައްޔިތުންނާ ސީދާ މުހާތަބުކުރައްވައި، ހަމަލާތައް ކުރިއަށްދާ ވަގުތު ގޭގައި މަޑުކުރުމަށާއި އަސްކަރީ އޮޕަރޭޝަން ނިމުމުން އެ ގައުމުގެ ސަރުކާރުގެ ހިންގުން އަތުލުމަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ