ފެންނަ ނުފެންނަ ވޯޓް: އިންތިބަކާނުލާ މުއިއްޒަށް އިތުރު އަހަރެއް

ރައީސް މުއިއްޒު ތައްޔާރުވަމުން ދަނީ 2029 ގެ ނޮވެންބަރ 11 އާއި ހަމަޔަށް ރިޔާސީ ދައުރު ދަންމާލުމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވެމުންދާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލަކީ ރައީސް މުއިއްޒު ގެ ދައުރު ދަންމާލުމުގެ ބިލެވެ. ދުރާލައި ރޭވިގެން މުޅި ނިޒާމަށް ގެނެވެނޭ ހުރިހާ ބަދަލަކީ ވެސް ދައުރު ދަންމާލުމަށް ކޮށާމަގެވެ.
ނޮވެންބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރާގޮތަށް ކަންކަން ތަރުތީބު ކުރާ ވާހަކަ މުއިއްޒު ދައްކާތާ ކިތަންމެ ދުވަހެވެ. ހަމައެހެން ހަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުގެ ވިސްނުން މުއިއްޒު ވަނީ އެތައް ފަހަރަކު ހިއްސާ ކޮށްފައެވެ. 
އިންތިހާބު ތަކަށް ހިނގާ ހަރަދު ކުޑަކުރުމަކީ ރައްޔިތުން ލޮލުން ބޮލުން އެދޭނެކަމެކެވެ. އެހެންކަމުން ހަރަދު ކުޑަ ކުރުމުގެ ނަމުގައި ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމަށް ނިންމާ ދައުރު ދަންމާލުމަށް ޖާގަ ހޯދުމަކީ މުއިއްޒުގެ ހީލަތްތެރި ރޭވުމެވެ. 
ދައުރު ދަންމާ ވާހަކަ ނުދައްކާ ރައްޔިތުގެ ފެންނަ ނުފެންނަ ވޯޓެއްގެ ތެރެއިން ދައުރު ދަންމާލުމަކީ މުއިއްޒު މުޅި ވިސްނުން ކަމަށް ގަބޫލު ކުރެވެއެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނީ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެން ވޯޓު ނެގުމުގައި ދެ އިންތިހާބު އެއްކޮލުމުގައި ދިމާވާ ދުސްތޫރީ އަދި ގާނޫނީ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުން ހައްލު ހޯދާދޭން ޖެހޭނެކަމަށް ބަޔާން ކޮށްގެން ރައްޔިތުންގެ ފެންނަ ނުފެން ވޯޓު ނެގުމުން އެ ނިމުނީތާއެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ރުހުން ހޯދުމުގައި ދައުރު ދަންމާލުމާއި ދައުރު ކުރުކޮށްލުމުގެ ވާހަކައެއް ނުއޮންނާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކާ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ 5 އަހަރުގެ ދައުރު ހަމަވަންދެން ރިޔާސީ އިންތިހާބު ފަސްކޮށްލާނީއެވެ. ދައުރު ދަންމާލަނީއެއް ނޫނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު 2028 ގައި ބާއްވައިގެން އިންތިހާބުވާ ރައީސަކު ނޮވެންބަރ 11 ގައި ހުވާ ކުރަންޏާ ރައީސް މުއިއްޒަށް ވެރިކަމުގައި ފުރިހަމަ ފަސް އަހަރެއް ނުލިބޭނެއެވެ. އަނެއްކޮޅުން އޭރަކުން މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ދައުރު ފުރިހަމަ ނުވެ މަދުވެގެން 6 މަހަށްވުރެ ގިނަދުވަސް ގެއްލިގެންދާނެއެވެ. އެހެނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ 2029 ވަނަ އަހަރު މެއި 28 އަށެވެ. ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ހަމަވާނީ 2028 ނޮވެންބަރ 17 އަށެވެ.
ފުރިހަމަ އާރާއި ބާރުގައި މުއިއްޒު ހުރެ ރައްޔިތުންގެ މަޖިލީހުގެ މެގަ މެޖޯރިޓީ އޮވެ ޕީއެންސީއަކުން އެކަމެއް އެހެނެއް ނުކުރާނެއެވެ. ދެ އިންތިހާބު އެއްކޮށްގެން އިންތިހާބު ބާއްވަންޏާ މަޖިލިސް މެންބަރުންނަށާއި މުއިއްޒަށް ފައިދާ ބޮޑީ 2029 ގެ ކުރީކޮޅު އިންތިހާބު ބޭއްވުމެވެ. އޭރުން މުއިއްޒަށް ރައީސް ކަމުގައި އިތުރު އެއް އަހަރު ހުރެވޭނެއެވެ. މަޖިލިސް މެންބަރުންނަށްވެސް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެވޭނެއެވެ.
ހަރަދު ކުޑަކުރުމުގެ ހުއްޖަތް ރައްޔިތުންނަށް ދައްކައިގެން ދެ އިންތިހާބު އެއްކުރެވި ނޮވެމްބަަަަަަރ 11 ގައި ރައީސަށް ހުވާކުރެވޭ ގޮތް އޭރުން އޮންނާނީ ވެފައެވެ. އާހިރުގައި ރައްޔިތުންނަށް އެހެން މަންޒަރެއް ދައްކައިގެން މުއިއްޒު ކުރަން އުޅޭކަމަކީ އިންތިހާބަކަށް ނުގޮސް ވެރިކަމަށް އަހަރެއް އިތުރު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ