ކްލަބް މޯލްޑިވްސް ކްލަސިކް: ޓްރާންސްޕޯޓާއި ބަދަހި އަދި ހުޅުމާލެ ހޮސްޕިޓަލަށް ވަރުގަދަ ފެށުމެއް ކްލަބް މޯލްޑިވްސް ކްލަސިކް: ޓްރާންސްޕޯޓާއި ބަދަހި އަދި ހުޅުމާލެ ހޮސްޕިޓަލަށް ވަރުގަދަ ފެށުމެއް

ކްލަބް މޯލްޑިވްސް ކްލަސިކްގެ ފުރަތަމަ މެޗުތަކުން ރަނގަޅު މޮޅެއް ހޯދައި، ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި ޓީމު ބަދަހި އަދި ހުޅުމާލެ ހޮސްޕިޓަލުން ފެށުން ވަރުގަދަކޮށްފި އެވެ.
ޖުމްލަ އެކު 32، ޓީމާ އެކު މި ފަހަރުގެ ކްލަބް މޯލްޑިވްސް ކްލަސިކް ކުރިއަށްދާއިރު، ރޭ ވަނީ ގްރޫޕް އޭގެ ފުރަތަމަ ދެ މެޗާއި ގްރޫޕް ބީގެ ފުރަތަމަ ދެ މެޗުގެ އިތުރުން، ގްރޫޕް ސީ އާއި ޑީގެ ފުރަތަމަ މެޗުތައް ކުޅެފަ އެވެ.
ގްރޫޕް އޭގައި، ކްލަބް 220 ވަނީ 5-3 އިން ކްލަބް އެސްޑީއެފްސީ އަތުން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، އެގްރި ރެކްރިއޭޝަން ކްލަބް އަތުން ޓްރާންސްޕޯޓް މޮޅުވީ 9-0 އިންނެވެ. ގްރޫޕް ބީގައި، ފިނޭންސް ރެކްރިއޭޝަން ކްލަބުން ވަނީ އިސްލާމިކް މިނިސްޓްރީގެ ކްލަބް އަތުން 4-1 އިން މޮޅުވެފަ އެވެ. އަދި، އެ ގްރޫޕްގައި، ކްލަބް ޑީޖޭއޭ އާއި ޔޫތު ރެކްރިއޭޝަން ކްލަބް ވަނީ 3-3 އިން އެއްވަރުވެފަ އެވެ.
ގްރޫޕް ސީގައި، ޓީމު ބަދަހިން 6-1 އިން ފެހިފަހި ކްލަބް ބަލިކުރިއިރު، ގްރޫޕް ޑީގައި، ޓްރޭޑް ކްލަބް އަތުން ހުޅުމާލެ ހޮސްޕިޓަލް މޮޅުވީ، 7-1 އިންނެވެ.
ކްލަބް 220 އަށް ރޭ ގޯލުތައް ޖަހައިދިނީ މުހައްމަދު ނިޝާހު ދެ ގޯލުގެ އިތުރުން މުހައްމަދު މިންވާލް، އަންސަރު އިބްރާހިމް (އަންކޮ) އަދި އަހުމަދު ޒަލަފް (ޒަލް) އެވެ. އެސްޑީއެފްސީގެ ލަނޑުތައް ޖެހީ، އިބްރާހިމް އަހުޒަމް ދެ ގޯލާއި ހުސެއިން ފައުޒާން އެވެ. ޓްރާންސްފޯޓްގެ ލަނޑުތައް ޖަހައިދިނީ، އިބްރާހިމް އަނާން އަލީ ހެޓްރިކެއްގެ އިތުރުން، ރައުހާން ރިއްފަތު އާއި އަލީ ރާއިފް އާދަމް ސާއިދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، މަޖުދާން ސޯލިހު އާއި އަލީ އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
ގްރޫޕް ބީގައި ފިނޭންސަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު އިނާދު، މުހައްމަދު އަރީޝް، މުހައްމަދު އަޒާން ފަތުހުﷲ އަދި ހަސަން ނާއިފް މުހައްމަދު އެވެ. އިސްލާމިކް މިނިސްޓްރީގެ ލަނޑު ޖެހީ، ހާމިދު ރިޔާޒު އެވެ. ޑީޖޭއޭގެ ލަނޑުތައް ޖެހީ، މުހައްމަދު އަޖުވަދު ސޮލާހު، އިބްރާހިމް ނައީމް އަދި މުހައްމަދު އަޒީމް އެވެ. ޔޫތުގެ ލަނޑުތައް ޖެހީ މުހައްމަދު ޝާފިއު ހެޓްރިކެކެވެ.
ގްރޫޕް ސީގައި ޓީމު ބަދަހިގެ ލަނޑުތައް ޖެހީ، އަހުޒަމް ރަޝީދު (އަހު) ހެޓްރިކެއްގެ އިތުރުން، އަޔާޒް މުހައްމަދު ދެ ގޯލާއި އަލީ ރިޒްވީން ގޯލެކެވެ. ފެހިފަހިގެ ގޯލު ޖެހީ މައުމާން އަބްދުލް ރަޝީދު އެވެ. ގްރޫޕް ޑީގައި، ޓްރޭޑް ކްލަބް ކޮޅަށް ހުޅުމާލެ ހޮސްޕިޓަލްގެ ގޯލުތައް ޖެހީ، ހަސަން ސޮލާހު (ހައްޓެ) ހަތަރު ގޯލުގެ އިތުރުން މުހައްމަދު ލީވާން އަލީ، އަހުމަދު އިމާދު އަދި މުހައްމަދު މާއިސް ގޯލެކެވެ.
ކްލަސިކް މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ