ފުޓުބޯޅައާ ބެހޭ ރާއްޖޭގެ އިދާރާ، އެފްއޭއެމްގައި ހުންނާނީ ދިވެހީންގެ ފައިސާ ކަމަށާއި އެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލައެއް ރާއްޖޭގައި ބަލަން ދުނިޔޭގެ ފުޓުބޯޅައިގެ ރަސްމީ އިދާރާ، ފީފާގެ ހުއްދަ ބޭނުން ނުވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވާ މައްސަލައެއްގައި އޭނާގެ ދިފާއުގައި ނަގާ ނުުކުތާއަކީ ފީފާއިން ދޭ ފައިސާގެ މައްސަލައެއް އެ އިދާރާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ ދިފާއު ބަލައިނުގަތުމުން، 9 އަހަރަށް ޖަލަށްލާފައިވާ ބައްސާމްގެ ފަރާތުން ދަށު ކޯޓުގެ އެ ނިންމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ބައްސާމްގެ މައްޗަށް މި ދައުވާތައް ކުރިއިރު، ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމީމް އެ ކަމާ ގުޅޭ ގޮތުން އޭނާގެ ބްލޮގްގައި ލިއުއްވާފައިވެ އެވެ.
ތަފްސީލް - ޝަމީމްގެ ބްލޮގްގައި ފާހަގަކުރައްވާފައިވާ ގޮތުން، އެ ނުކުތާގައި ހަގީގަތުގައި ބަލަން ޖެހޭ ކަމަކީ އެފްއޭއެމަށް ފީފާގެ މެންބަރަކަށް ވެވެނު ގޮތާއި ފީފާއިން އެފްއޭއެމަށް ފައިސާ ދޭން ޖެހޭ ސަބަބާ ގުޅޭ ގޮތުންނެވެ. އެ ގޮތުން:
ފީފާގެ އަސާސީ ގަވާއިދުގެ 11 ވަނަ މާއްދާގެ 1 ވަނަ ނަންބަރު ބުނާ ގޮތުން، ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ގައުމަކުން އެންމެ ޖަމިއްޔާއަކަށް
ރާއްޖޭގައި އެ ދައުރު އެފްއޭއެމަށް ލިބެނީ ދިވެހި ސަރުކާރުގެ ހުއްދައާ އެކު؛ ސަރުކާރުގެ ޝަރުތަކީ ދިވެހި ރާއްޖޭގައި ފުޓުބޯޅަ ތަރައްގީކުރުން
އެހެންވެ، އެފްއޭއެމްއަށް ލިބޭ ފައިސާއަކީ ހަގީގަތުގައި ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ
ފިފާއަށް ފައިސާ ލިބޭ ގޮތްތަކުގެ ތެރެއިން، މުއްސަނދި ގައުމުތަކުންނާއި ވިޔަފާރިވެރިން، ކުދި ގައުމުތަކުގެ ފުޓުބޯޅަ ތަރައްގީކުރަންދޭ އެހީ ހިމެނޭކަން ޝަމީމް ފާހަގަކުރެއްވި އެވެ. ފައިސާ ދޫކުރާނީ ވެސް ވަކި ގައުމަކަށް ދިނުމަށް ޝަރުތުކޮށްފަ އެވެ. އެ ގޮތުން:
ގައުމުތަކުންދޭ މިފަދަ އެހީގެ ފައިސާއަކީ އެ ގައުމެއްގެ ބަޖެޓުން ސީދާ ދިވެހި ރައްޔިތުންނަށް ކަނޑައަޅާފައި ހުންނަ އަދަދުތަކެއް
ފީފާއިން އެ ފައިސާ ދިނުމަށް ފަހު، އެ ބަޖެޓުން ދިވެހިންނަށް ދިން ފައިސާކަމަށް ކަނޑައަޅައި އެކައުންޓު ފޮތްތަކުގައި ޑޮކިއުމަންޓްކުރާނެ
"ފީފާ މެދުވެރިކޮށް ލިބުނަސް ނުވަތަ އެ ނޫން ޖަމިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ އެވެ. އެ ފައިސާގެ އަމާނާތްތެރިއަކީ ފީފާ އާއި އެފްއޭއެމް އެވެ. ހިޔާނަތްތެރިވެވެނީ އެ ފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގަކަށެވެ،" ޝަމީމް ލިއުއްވާފައިވެ އެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި، ފީފާއިން ދިން ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ރާއްޖެއަށް ނުބެލޭނެ ކަމަށް ބުނުމަކީ ބައިނަލްއަގުވާމީ ގޮތުން މަނީ ލޯންޑަރިންގެ އަމަލުތައް ހުއްޓުވުމަށް ގަބޫލުކޮށްފައިވާ އުސޫލުތަކާ ވެސް ހިލާފު ވާހަކަ އެކެވެ. އެ ގޮތުން:
ރާއްޖެއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވަން ބައިނަލްއަގްވާމީ ފެންވަރެއްގައި މަސައްކަތްކުރަން އުފެއްދި، ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (އެފްއޭޓީއެފް)ގެ މެންބަރު ގައުމެއް
ރާއްޖޭގައި އަމަލުކުރަމުންދާ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަކީ ވެސް އެ ޓާސްކްފޯސްގެ ނުފޫޒާ އެކު، އޭގެ އުސޫލުތަކާ ދާދި އެއްގޮތަށް އޮތް ގާނޫނެއް
އެ ގާނޫނުގައި އޮންނަ ގޮތުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތުގެ ތެރޭގައި ލިބޭ އެހީގެ ފައިސާ ޓްރާންސްފާކުރުން ހިމެނޭ ނަމަ އެއިން ކޮންމެ ޖަމާއަތެއްގެ މަސައްކަތް ހޯމް މިނިސްޓްރީން މޮނިޓާކުރަން ވެސް ވާނެ
މި މައްސަލަ ބަލައިފި ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބައްސާމް ދެއްކެވި ވާހަކަތަކަށް ވެސް ޝަމީމް ރައްދެއް ދެއްވި އެވެ.
އޭނާ ވިދާޅުވީ އެއީ ޖިނާއީ މައްސަލައެއްގައި ޝަރުއީ ކޯޓަކުން ބަލަން ޖެހޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ބައްސާމަށް ދައުވާކޮށްފައިވާ މައްސަލަތައް ނުބެލޭންވީ ސަބަބެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާން ޖެހޭ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމާފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއް ވެސް ނޫނެވެ. ފީފާއާ ގުޅުވައިގެން ދައްކާ ވާހަކައަކީ ހުރާފާތެކެވެ،" ޝަމީމް ލިއުއްވާފައިވެ އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ކޮރަޕްޝަންގެ މައްސަލައެއް ބެލުމަކީ ފީފާއިން އެ ގައުމެއް ސަސްޕެންޑްކުރާނެ ކަމެއް ވެސް ނޫނެވެ. ފީފާއިން ގައުމެއް ސަސްޕެންޑްކުރަނީ ފުޓުބޯޅައިގެ އިދާރާއެއްގެ ހިންގުމުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވަން އުޅޭ ނަމަ އެވެ. އޭގެ ބައެއް މިސާލުތައް ވެސް ޝަމީމް ފާހަގަކުރައްވާފައިވެ އެވެ. އެ ގޮތުން:
2015 ވަނަ އަހަރު އެމެރިކާގެ ޕްރޮސިކިއުޓަރުން، ފީފާ އާއި ކޮންކާކަފްގެ އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް އުފުލި؛ 1991 އާއި 2015އާ ދެމެދު، ފުޓުބޯޅައާ ގުޅުންހުރި ކަންކަމުގައި 150 މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގާފައި އޮތް ކަމަށް ތުހުމަތުކޮށް އެ ހުރިހާ ކަމެއް ހިނގައި ނިމުނުއިރު ވެސް އެމެރިކާގެ ފުޓުބޯޅައެއް ފީފާއަކުން ސަސްޕެންޑެއް ނުކުރޭ
ޕާކިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކުރީ ލާހޯރުގެ ހައިކޯޓުން އައްޔަންކުރި އެޑްމިނިސްޓްރޭޓަރަކު ފުޓުބޯޅަ އެސޯސިއޭޝަން ހިންގުމާ ހަވާލުވުމުން؛ ހިންގުމުގެ ދާއިރާއަށް ވަނުމަކީ ފީފާއިން ނުރުހޭ ކަމަކަށްވީ ނަމަވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ގައުމެއް ސަސްޕެންޑެއް ނުކުރޭ
ފީފާއިން ދިން ފައިސާއަކީ ދިވެހިންގެ ހައްގެއް؛ ހުއްދަ ނުހޯދާ ވެސް މައްސަލަ ބެލޭނެ: ޝަމީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ