އިންޑިގޯގެ 175 ފްލައިޓު ކެންސަލްވެ އެތައް ބަޔަކު އެއާޕޯޓްތަކުގައި ތާށިވެއްޖެ

އިންޑިޔާގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ އިންޑިގޯގެ 175 ފްލައިޓު ކެންސަލް ކުރުމުގެ ސަބަބުން އެތަކެއް ހާސް ބަޔަކަށް ނުފުރި އެއާޕޯޓުތަކުގައި ތާށިވެއްޖެއެވެ. 
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ދަތުރުވެރިން އެއާޕޯޓްތަކުގައި ތާށިވާންޖެހުނީ، ސަރުކާރުން ވައިގެ އުދުހުންތަކުގެ ދާއިރާއަށް އަލަށް ތައާރަފު ކުރި ޤަވާއިދުތަކަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން އެކަމުގެ ސަބަބުން ކުރިމަތިވި ކަންތައްތަކާ ގުޅިގެންކަމަށެވެ. އެންމެ ގިނަ އަދަދަކަށް ފަސިންޖަރުންނަށް ނުފުރި ތިބެންޖެހުނީ ވެރިރަށް ނިއު ދެއްލީގެ އިތުރުން މުމްބާއީ، ހައިދަރްއާބާދު، ޕޫނޭ އަދި ބެންގަލޫރުގެ ވައިގެ ބަނދަރުތަކުގައެވެ.
އިންޑިގޯއިން ބުނެފައިވަނީ ބައެއް ފްލައިޓްތައް ކެންސަލްކުރަން ޖެހުނީ ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ޢަމަލު ކުރަން ފަށާފައިވާ ޕައިލެޓުންނަށް އަރާމްކުރަން ވަގުތު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދަށް އަމަލުކުރުމަށް ޓަކައި އެ ސިޔާސަތުތަކާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ.  
އިންދިގޯއިން މިއަދު އެކަނިވެސް 175 ފްލައިޓް ކެންސަލް ކޮށްފައިވާއިރު، އިއްޔެ އެކަނިވެސް އެ އެއާލައިންގެ 150 ފްލައިޓް ކެންސަލް ކުރިއެވެ.
އިންޑިއާގެ ވައިގެ އުދުހުންތަކުގެ ޤަވާއިދަށް ގެނައި މި އައު ބަދަލުތަކާ ގުޅިގެން، އެގައުމުގައި ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ އެހެން ކުންފުނިތައް ކަމުގައިވާ އެއަރ އިންޑިޔާއާއި ސްޕައިސްޖެޓާއި އަކާސާ އެއަރގެ ޚިދުމަތްތަކަށް އަސަރު ކޮށްފައި ނުވާ މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ