މަސްތުވާތަކެތީގެ ބިލު: އުމުރަށް ޖަލަށްލާނީ މަރުވަންދެން؛ މައާފެއް ނުވަތަ ލުޔެއް ނުދެވޭނެ

ޑްރަގު މައްސަލަތަކުގައި އުމުރު ދުވަހަށް ޖަލަށްލުމަކީ، މިހާރު އޮންނަ 25 އަހަރުގެ ބަދަލުގައި އެ މީހެއްގެ އުމުރުގެ ބާކީ އޮތް މުއްދަތަށް ކަމަށް މާނަކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މަޖިލީހުން އިއްޔެ އިސްލާހުކޮށްފި އެވެ. އަދި އެ އަދަަބަކީ މައާފް ދެވޭނެ ނުވަތަ ލުއި ދެވޭނެ އަދަބެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރު ޑިސެމްބަރުގައި ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު ހުށަހެޅުއްވި މި ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީން، އަހަރު ދުވަހަށް ދިގު ދެންމުމަށް ފަހު ބިލު ތަޅުމަށް ހުށަހެޅީ ބޮޑެތި ބަދަލުތަކާ އެކު އެވެ.
ކޮމިޓީން ގެނައި ބަދަލުތަކާ އެކު އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއިން ބިލު ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ތަފްސީލު - މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 190 ވަނަ މާއްދާގެ (ފ)ގައިވާ ގޮތުން، އެ ގާނޫނުގެ ދަށުން އިއްވާ ހުކުމެއްގައި އުމުރު ދުވަހަށް ޖަލު ހުކުމެއްގެ މުއްދަތަކީ 25 އަހަރު ކަމަށް ބަޔާންކޮށްފައިވެ އެވެ.
ޖުޑީޝަރީ ކޮމިޓީން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ މާއްދާ އިސްލާހުކޮށްފައިވެ އެވެ. އެގޮތުން ގެނައި އިސްލާހަކީ:
"އުމުރަށް ޖަލަށްލުން'' ކަމަށް ބުނެފައި އެ ވަނީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މައާފްނުދެވޭ ގޮތަށް އެ މީހަކު އުމުރަށް ޖަލަށްލުމަށެވެ.
އެ އިސްލާހު ގެންނަ ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ ބޮޑެތި ކުށްތަކެއް ކަމަށް ވެފައި، "އުމުރު ދުވަހަށް ޖަލަށްލުމުގެ އަދަދަކީ އެ މީހެއްގެ އުމުރުގެ ނިޔަލަށް ދެވޭ ހުކުމެއްކަން" ސާފުކޮށް މާނަކުރުމުގެ ގޮތުންނެވެ.
އޭގެ އިތުރުން އެއީ މައާފް ވެސް ނުދެވޭނެ ހުކުމެއްގެ ގޮތުގައި ބަޔާން ކުރުމަށް ކަމަށް ވެސް އިސްލާހު ގެންނަ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ. 
ކޮމިޓީ މަރުހަލާގައި ބިލަށް ދެން ގެނައި އެންމެ ބޮޑު ބަދަލަކީ ރާއްޖެ އަންނަ އިރު އެ މީހަކު ޑްރަގު އެތެރެކޮށްފި ނަމަ، މަރުގެ އަދަބު ދޭ ގޮަތަށް ހެދުމަށެވެ.
ގާނޫނުގެ 177 ވަނަ މާއްދާގެ ފަހަތަށް މިކަމާ ގުޅޭ އެހެން އަކުރެއް ވެސް ކޮމިޓީ މަރުހަލާގައި އިތުރުކޮށްފައިވެ އެވެ. އެއީ:
ގާނޫނުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް 'އަދަބު މައާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިިކޮށްދެވިގެންނުވާނެ' ކުށްތަކެއް
އަދަބު ލުއިކޮށްދިނުން ކަމަށް މާނަ ކުރަނީ އަދަބުގެ މުއްދަތު ކުރުކުރުމަށް ނުވަތަ ދަކަން ޖެހޭ ޖޫރިމަނާގެ އަދަދު ކުޑަކުރުމަށް ނުވަތަ އަދަބުގެ ބާތަ ލުއިކޮށްދިނުން ހިމެނޭ ގޮތަށް
އޭގެ އިތުރުން، އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ދައުލަތުން ހަދައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވޭ
އެނގުން މުހިންމު - މި ބިލުގައިވާ ގޮތުން މީގައި ހުރި ކަންކަމަށް އަމަލު ކުރާނީ ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މަޖިލިހުން އިއްޔެ މި ބިލު ފާސްކޮށްފައިވާއިރު، އަދި ރައީސް މުހައްމަދު މުއިއްޒު ބިލު ތަސްދީގެއް ނުކުރައްވަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ 15 އަހަރު ކުރިން ގެނައި މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން މައާފް ނުދެވޭނެ ހަތް ބާވަތުގެ ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ހިމެނެ އެވެ. އެ ގާނޫނުގައި ބުނަނީ:
އެއްވެސް ގާނޫނެއްގެ ދަށުން 14 ގްރާމަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރެގެން އުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކީ މައާފް ނުދެވޭނެ ކުށެއް
ނަމަވެސް ގާނޫނީ އެކި ލޫޕްހޯލްތައް ބޭނުންކޮށްގެން މީގެ ކުރިން އެކި ރައީސުން ވަނީ ޑްރަގު މައްސަލަތަކުގައި 25 އަހަރަށް ޖަލު ހުކުމް އިއްވާފައި ތިބި ބައެއް ކުށްވެރިންގެ ހުކުމަށް ލުއިދީ، މިނިވަންކޮށްފަ އެވެ. އާންމު ގޮތެއްގައި އެކަން ކުރަނީ އެ މީހަކަށް އިއްވި ހުކުމުގެ މުއްދަތު ކުރުކޮށްލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ