ސަރުކާރު ކުންފުނިތަކާއި އިދާރާތަކުން ސްޓެލްކޯއަށް ދަރާފައި އޮތް އަދަދު ސިއްރު!

ސަރުކާރު ކުންފުނިތަކާއި އިދާރާތަކާއި މިނިވަން މުއައްސަސާތަކުން ކަރަންޓު ބިލާއި އެހެނިހެން ކަންކަމަށް ވެސް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެ ކުންފުނިން ސިއްރުކޮށްފިއެވެ. ބައެއް ކުންފުނިތަކާއި އިދާރާތަކުން ކަރަންޓު ބިލު ނުދައްކާ މައްސަލަ ބޮޑެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވަނީ ސަރުކާރުގެ އެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން ސްޓެލްކޯއަށް މިދިޔަ އޮކްޓޫބަރު 27 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ތަފުސީލު ހޯދަން އެދިފައެވެ. އެކަމަކު، ސްޓެލްކޯއިން ނިންމާފައިވަނީ އެ މައުލޫމާތު ހާމަކުރުމުން ވިޔަފާރީގެ މަސްލަހަތަށް އަސަރުކޮށް، އުނިކަމެއް އަތުވެދާނެތީ ހާމަކުރެވެން ނެތް ކަމަށެވެ. އެހެންވެ، އެ ކުންފުނިން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ އެކި އިދާރާތަކާއި، ކުންފުނިތަކުން ވެސް އެތައް މިލިއަން ރުފިޔާއަކުން ސްޓެލްކޯއަށް ދަރާފައި އެބަހުއްޓެވެ. އެކަމަކު، އެއިން އެއްވެސް މައުލޫމާތެއް ހާމަކުރަން އެ ކުންފުނިން ދެކޮޅު ހެދުމުން އެ އަދަދުތަކާއި ތަފުސީލުތައް ކަށަވަރެއް ނޫނެވެ. ހަމައެހެންމެ ސްޓެލްކޯއިން ވެސް ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ބޮޑެތި ބިލްތަކެއް ނުދައްކާ އެބަހުއްޓެވެ. އެނގިފައިވާ ގޮތުގައި ބިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ސްޓެލްކޯއަށް ވެސް މާލީ ގޮންޖެހުންތައް އެބަހުއްޓެވެ. އާންމު ފަރާތްތަކުން ކަރަންޓު ބިލު ނުދައްކާނަމަ، ސްޓެލްކޯއިން އިންޒާރު ދިނުމަށް ފަހު، ކަރަންޓު ވެސް ކަނޑާލައެވެ. އެކަމަކު، ސަރުކާރު އިދާރާތަކާއި ބައެއް ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ދައްކަންޖެހޭއިރު ވެސް އެ ފަދަ ފިޔަވަޅެއް ނާޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ