އެއްބަސްވުންތަކުގެ ކަންކަން ބަލައި ތަންފީޒުކުރަނީ ސެކެޓްރީ ޖެނެރަލް (އެސްޖީ) ކަމަށާއި އެއްބަސްވުމެއް ހަދައި އެއްވެސް މީހަކަށް ދީފައި އޮތް ބިމެއް ނޯންނާނެ ކަމަށް ވިދާޅުވެ، އާއިލީ ކުންފުންޏަކަށް ބިންތަކެއް ދިން ކަމަށް ކުރެވޭ ތުހުމަތުތައް މާލޭގެ މޭޔަރު އާދަމް އާޒިމް ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އާޒިމަށް ބޮޑުބޭބެ ވިދާޅުވާ މި ސަރުކާރުގެ އެޓާނީ ޖެނަރަލް އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏަކަށް ބިޑަކާ ނުލާ ބިންތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރެއްވީ، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.
މިދިޔަ މަހު އާންމުކުރި ބިމުގެ ލިސްޓުގައި ވިލިމާލޭން ދޫކޮށްފައިވާ ހަ ބިމެއް ނުހިމަނާ އޮތުމުން، ކައުންސިލުގެ ރަސްމީ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވައި ނަހުލާ ވަނީ އެ ބިންތަކުގެ މައުލޫމާތުތައް ވެސް ހިއްސާކޮށްފަ އެވެ.
އުސޫލުތަކުގެ ބޭރުން ދޫކޮށްފައިވާ ބިންތަކުގެ ގޮތުގައި ތުހުމަތުކުރަނީ:
އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަ މާރުކޭޓު އަޅަން ވިލިމާލޭން ވިޝާމްގެ 'ވިނޯވާ މޯލްޑިވްސ'ް ކުންފުންޏަށް ދޫކޮށްފައިވާ ބިމެއް؛ މި ބިން ދޫކޮށްފައިވަނީ މިއަަހަރު ތެރޭ ބިޑަކާ ނުލައި ކަމަށް ނަހުލާ ތުހުމަތުކުރައްވާ
މި ބިމުގެ ބަދަލުގައި ވިލިމާލެ އިރުމަތީ ފަރާތު ބީޗުން 6000 އަކަފޫޓުގެ ބިމެއް ހިލޭ ދީފައިވާ ކަމަށް ތުހުމަތުކުރި
ވިލިމާލޭ ސިނާއީ ސަރަހައްދުން ބަގީ ބެހެއްޓުމަށް އާޒިމްގެ އާއިލީ ކުންފުންޏަކަށް ދޫކޮށްފައިވާ 1117 އަކަފޫޓުގެ ބިމަކަށް ކުލި ނުދައްކާ އޮންނަ ކަމަށް ތުހުމަތުކުރި؛ ބަގީ އެއްބަސްވުން މިހާރު އޮތީ ބާތިލުކޮށްފައި ކަމަށް
ކާނިވާ ސަރަހައްދުން 2530 އަކަފޫޓުގެ ބިމެއް ހިލޭ ދޫކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވޭ؛ މި ބިން ދޫކޮށްފައިވަނީ ވިޝާމްގެ އާއިލީ ކުންފުންޏެއް ކަމަށްވާ 'ވަސްމީރު ހޯލްޑިން'އަށް
އިއްޔެ އޮތް ކައުންސިލު ބައްދަލުވުމުގައި ވެސް ނަހުލާ ވަނީ އާޒިމަށް މި ތުހުމަތުތައް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - މި ތުހުމަތުތައް ދޮގުކުރައްވާ އާޒިމް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެފަދަ ތުހުމަތުތައް ކުރައްވަނީ، ކައުންސިލުގެ ތެރޭގައި ގޯސްކޮށް ކޮށްފައިވާ އަދި ގޯސްކޮށް ހުރި ކަންކަން އޭނާގެ ދައުރުގައި ފާހަގަކޮށް، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާތީ އެވެ.
"އަޅުގަނޑުގެ ދައުރުގައި އެއްވެސް މީހަކަށް ދީފައި އޮތް ބިމެއްގެ، އެއްބަސްވުމެއް ނޯންނާނެ، އަޅުގަނޑު ހަދައިދިން އެއްވެސް އެއްބަސްވުމެއް ނޯންނާނެ. ކޮންޓްރެކްޓުތައް ތަންފީޒުކުރާ ފަރާތަކަކީ ތަނުގެ އެސްޖީ. އެހެންވީމާ އެސްޖީ ކޮންޓްރެކްޓުތައް ބަލައިގެން، އޭގައި އޮންނަ ކަންކަން ރަނގަޅިއްޔާ އެކަން އޭނާ ކުރާނެ. ކޮންޓްރެކްޓުތައް ހުންނަންޏާ އެއަށް ޖެހޭނެ އިހުތިރާމުކުރަން،" އާޒިމް ވިދާޅުވި އެވެ.
އެއްވެސް މީހަކަށް ބިމެއް ހަވާލުކުރަން، އެއްވެސް މުވައްޒަފަކަށް އަންގާފައިވާ ނަމަ އެކަން އެ މުވައްޒަފަކު ވެސް ހާމަކޮށްދިނުމަށް އެދޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ތުހުމަތުތައް ނުކުރައްވާ، އެކަމާ ގުޅޭ ހެކި ހުރި ނަަމަ ހާމަކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
"އެސްޖީގެ ޒިންމާއެއް އެއީ ކޮންޓްރެކްޓުތަކާ މެދު އެ އޮންނަ އުސޫލުތަކުގެ މަތިން އަމަލުކުރުން. އެސްޖީ [އަބްދުލް މުހައިމިން ނަސީރު] އެކަން ކުރައްވާފައިވަނީ ރަނގަޅަށް ކަމަށް އިއްޔެ ވިދާޅުވި ނޫންތޯ. އެސްޖީ ވިދާޅުވި ނޫންތޯ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނޭ. އެހެންވީމާ އަޅުގަނޑު ބަލާކަށް ނުޖެހޭނެ، އެއީ އަޅުގަނޑުގެ މަންމަތޯ ބައްޕަތޯ. އަޅުގަނޑު ބަލާނީ ކޮންޓްރެކްޓަށް" އާޒިމް ވިދާޅުވި އެވެ.
އާއިލީ ކުންފުންޏަކަށް ދީފައިވާ ބިމަށް ކުލި ނުދައްކާ މައްސަލާގައި ސުވާލުކުރުމުން ވެސް އާޒިމް ވިދާޅުވީ، ކުލި ނުދައްކާ މައްސަަލަތަކުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް ހަދާފައި އޮންނާނެ ކަމަށާއި އެ އުސޫލާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުމަކީ ވެސް އެސްޖީ މުހައިމިންގެ ޒިންމާއެއް ކަމަށެވެ.
އާޒިމް ވިދާޅުވީ އެއްވެސް ކަމެއް ވަކި ގޮތަކަށް ކުރަން މިހާރު މާލޭ މޭޔަރުކަމުގައި ހުންނަ މީހަކަށް ނުބުނެވޭނެ ކަމަށާއި ކޮންމެ ކަމެއް ވެސް ކުރަން އޮންނާނީ އުސޫލެއް ހަދާފައި ކަމަށެވެ.
"މިއަދު މާލޭ މޭޔަރަކަށް ނުބުނެވޭނެ ކުލި ނުދައްކާތީ އެހެން ހަދާށޭ، މިހެން ހަދާށޭ. އަޅުގަނޑު ދާ ކޮންމެ ތަނެއްގައި ވެސް އެކަން ކުރާ ގޮތަކީ އަޅުގަނޑު އަގަބަހުން ކަމެއް ކުރަން އޮންނަ ކަމަށް ވަންޏާ އެކަމެއް ބަންދުކުރަނީ. އެކަން ބަންދުކުރާ ގޮތަކީ، އެއާ ގުޅޭ އުސޫލުތައް ފާސްކުރަނީ. އެހެންވީމާ ކޮންމެ ކަމަކަށް ވެސް އުސޫލެއް ފާސްކޮށްފައި އޮންނާނެ. އެ އުސޫލަށް އަމަލުކުރުމަކީ އެސްޖީގެ ޒިންމާއެއް،" އާޒިމް ވިދާޅުވި އެވެ.
ދެން ވެސް އާޒިމް ވިދާޅުވީ، އެއްވެސް ކަމެއް ގަވާއިދާ އުސޫލުތަކުގެ ބޭރުން ނުކުރައްވާ ކަމަށް މުހައިމިން އިއްޔެ ވިދާޅުވި ކަމަށާއި އުސޫލުތަކުގެ ބޭރުން އެސްޖީ ކަމެއް ކުރާ ނަމަ އެކަންކަން ބަލަންޖެހޭނީ ތަނުގެ އޮޑިޓެއްގެ ތެރެއިން އޮޑިޓާ ޖެނަރަލް އޮފީހުން ކަމަށެވެ. ތަނުގެ އޮޑިޓެއް ނުހަދާ ގިނަ އަހަރުތަކެއް ވެފައިވާތީ އެކަން އަވަސްކޮށްދިނުމަށް އޮޑިޓް އޮފީހަށާއި މަޖިލީހަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާންމުކުރި ބިން ލިސްޓުގައި ބައެއް ބިންތައް ނުހިމަނާ ހުރި ކަމަށް ވިދާޅުވެ، އެ ލިސްޓުގެ ސައްހަކަމާ މެދު ނަހުލާ އިއްޔެ ކުރެއްވި ތުހުމަތުތަކާ ގުޅިގެން އާޒިމް ވިދާޅުވީ، ނަހުލާއަކީ ކައުންސިލުގެ ރަސްމީ ލިޔެކިއުމެއް އިރާލައި ހެކި ނައްތާލަން އުޅުމުގެ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ބޭފުޅަކަށްވާއިރު އެ ބޭފުޅާ ދައްކަވާ ވާހަކަތައް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
ދައުލަތުގެ ލިޔެކިއުންތަކެއް ނައްތާލުމަށް ފަހު އިތުރު ލިޔެކިއުމެއް ހިފައިގެންދާ މަންޒަރު އާންމުވެފައިވާ ފުޓޭޖުން ފެންނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެއީ އެކަން ކުރެވިގެން ވާނެ ގޮތެއް ނޫން ކަމަށެވެ. މައްސަލައެއް އުޅޭ ނަމަ ކަމާ ބެހޭ ފަރާތަށް ހުށަހަޅައިގެން އެކަން ބަލަންވީ ކަމަށާއި ދައުލަތުގެ ލިޔެކިއުންތައް އިރާލައި ގެއްލުންދީ ނުހެދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ:
އޭނާ ހުންނަވާ ތަނެއްގައި ވައްކަމާ ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށް؛ ބިމުގެ ލިސްޓު އާންމުކޮށްފައިވަނީ އެ ޖާގަ ނުދޭންވެގެން ކަމަށް
މި ގައުމު ސަލާމަތްކުރެވޭނީ އިންތިހާބުކޮށްފައި ތިބޭ މީހުންނާއި އައްޔަންކޮށްފައި ތިބޭ މީހުން ރައްޔިތުންނަށް އާންމުކުރަންޖެހޭ އެއްޗެހި ބަރާބަރަށް އާންމުކޮށްގެން
އެކަން ކުރަން އުޅޭ މީހާއަށް ވަރަށް ގިނަ ގޮންޖެހުންތައް ހުންނާނެ މި ގައުމުގައި؛ ބިމުގެ ދަފްތަރު ހާމަކުރީކީ އެކަން އެނގިވަޑައިގެން ހުންނަވާ
"އަޅުގަނޑު ހެދި އެއްބަސްވުމެއް ވެސް ނޯންނާނެ. އެ އެއްބަސްވުން ހެދި ބަޔަކު ހަދާފަ ހުރިގޮތަކުން މީގަ ކަންތައްތައް ނިކުމެދާނެތީ އެވަރަށް ތެޅޭ ކަމަށް އަޅުގަނޑަށް މިހާރު މި ފެންނަނީ،" އެކަންކަމާ މެދު ވާހަކަދައްކަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ އާއިލާއަށް ބިންތަކެއް ދިންކަމުގެ ތުހުމަތު؛ އާޒިމް ވިދާޅުވީ އޭނާ ދިން ބިމެއް ނޯންނާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ