ގެދޮރު އިމާރާތް ކުރަން ދޭ ހިޔާވަހި ލޯނުގެ މިންގަނޑު ލުއިކޮށްދޭން އެދި ރައީސަށް ސިޓީއެއް

ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ދޫކުރާ "ހިޔާވަހި ލޯނު" ހޯދަން ރައްޔިތުންނަށް ދަތިތައް ދިމާވަމުންދާ ކަމަށް ބުނެ، އެކަމަށް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އިއްޔެ ސިޓީއެއް ފޮނުއްވައިފިއެވެ. ފަސް ޕަސެންޓަށް ވުރެ ބޮޑުނޫން އިންޓްރެސްޓުގައި ލޯނު ދޫކުރުމަށް އެ ސްކީމް އިފުތިތާހުކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު ފަހެއްގައެވެ. ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، އެ ލޯނު ދޫކުރުމުގައި ލުއި ގޮތްތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލޯނުގެ ކަންކަން ކުރިއަށް ގެންދަނީ، ބޭންކުތަކުން ލޯނު ދޫކުރާ "އާންމު އުސޫލު"ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ. މިގޮތުން، އާމްދަނީގެ 40 ޕަސެންޓަށް ވުރެ ލޯނަށް ދައްކަން ޖެހޭ އަދަދު ބޮޑުނަމަ، ލޯނަށް ޝަރުތު ހަމަނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު ކުޑޫ: ހިޔާވަހި ލޯނު ދޫކުރާ މިންގަނޑު ލުއިކޮށްދޭން އެދި ރައީސަށް ކުޑޫ ވަނީ ސިޓީއެއް ފޮނުވައިފައި-- ފޮޓޯ/ މަޖިލިސް މިސާލެއް ދައްކަވައި، ކުޑޫ ވިދާޅުވި ގޮތުގައި، ހަ މިލިއަން ރުފިޔާގެ ލޯނެއް، ފަސް ޕަސެންޓު އިންޓްރެސްޓުގައި 25 އަހަރުން ދައްކާ ގޮތަށް ނަގާނަމަ، މަހަކު 35،000 ރުފިޔާ ލޯނަށް ދައްކަން ޖެހޭނެއެވެ. އާންމު އުސޫލުގައި އިމާރާތުގެ 80 ޕަސެންޓު ދިރިއުޅެން ބޭނުންކުރަން ޖެހޭ ކަމަށް އޮތުމުން ކުއްޔަށް ދީގެން ވެސް އާމްދަނީއެއް ހޯދައިގެން ލޯނު ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ކުޑޫ ވަނީ ފާޅުކުރައްވާފައެވެ. އޭނާ ވަނީ، މިހާރު ބޭންކް އޮފް މޯލްޑިވްސް އިން 'އާންމު އުސޫލުން' ލޯނު ދޫކުރާތީ ގިނަ ރައްޔިތުން ލޯނަށް ޝަރުތު ހަމަނުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެކަމާ މެދު ވިސްނާވަޑައިގެން، ލުއި ގޮތެއް ހައްދަވައިދެއްވުން އެދި، ކުޑޫ ވަނީ ސިޓީއެއް ރައީސަށް ފޮނުއްވާފައެވެ. https://sun.mv/198770 ހިޔާވަހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެ ގިންތިތަކަކީ: އަތޮޅު ތެރެއަށް: އެގޮތުން މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ. އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށެވެ. ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ