ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.ދަތުރުގެ ތެރެއިން މުއިއްޒު ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްދަލުކުރައްވާފަ އެވެ.ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓްރަލް ބައްދަލުވުންތަކުގެ ތެރެއިން ބައެއް ގައުމުތަކުގެ ވެރިންނާއި އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލުކުރެއްވި އެވެ.އޭގެއިތުރުން ދަތުރުގެ ތެރެއިން ރާއްޖެ އާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ 11 އެމްއޯޔޫތަކެއްގައި ސޮއިކުރި އެވެ.މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވި އެވެ.ފާހަގަކުރެވޭ ގޮތުގައި، މިއީ ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ