ހުޅުމާލޭގައި އާ އިންޖީނުގެއެއް އަޅަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް! ހުޅުމާލޭގައި އާ އިންޖީނުގެއެއް އަޅަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް!

ހުޅުމާލޭގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ސްޓެލްކޯގެ ފަރާތުން ހަވާލުކުރީ އެ މަސައްކަތް ކުރުމަށް އެންމެ ބޮޑު އަގެއް ހުށަހެޅި ކުންފުންޏަށްކަން އެނގިއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިން ސްޓެލްކޯއިން ވަނީ ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމެއްގެ އަގެއް އަދި އިތުރު އެއްވެސް ތަފްސީލެއް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ.
އަދަދުއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ސީމެކުން ހުށަހެޅި އަގަކީ 121 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އެވެ.
އެ ކުންފުންޏާއެކު އިތުރު ދެ ކުންފުންޏެއް މި މަސައްކަތުގެ ބިޑަށް ކުރިމަތިލި އެވެ. އެއީ މޯހަން މުތާ އެކްސްޕޯޓްސް އަދި ޗައިނާ އެނާޖީ އިންޖިނިއަރިން އެވެ.
މޯހަން މުތާއިން 119 މިލިއަން ޑޮލަރު (1.83 ބިލިއަން ރުފިޔާ) ހުށަހެޅިއިރު ޗައިނާ އެނާޖީ އިންޖިނިއަރިންގެ ފަރާތުން ހުށަހެޅި އަގަކީ 108 މިލިއަން ޑޮލަރު (1.66 ބިލިއަން ރުފިޔާ) ގެ އަގެކެވެ. އެ ދެ ކުންފުނިން ވެސް އަގު ހުށަހެޅި ދެ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމައި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫއު ހަވާލު މިކުރީ ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 30.8 މިލިއަން ރުފިޔާ އަދި އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އަގުބޮޑުކޮށެވެ.
ޗައިނާ އެނާޖީ އިންޖިނިއަރިންއަކީ ހަކަތައިގެ ދާއިރާތަކަށް ހާއްސަ ކުންފުންޏެކެވެ. ސީމެކްއަކީ ފްލެޓު އެޅުމާއި މަގު ހެދުން ފަދަ ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ކުންފުންޏެކެވެ. މޯހަން މުތާއަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރާ ކުންފުންޏެކެވެ.
މިއީ ފިފްތު ޕަވާ ޑެވެލޮޕްމަންޓު ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަޝްރޫއު އެކެވެ. އޭގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުމާލޭގައި 58 މެގަވޮޓުގެ އިންޖީނުގެއެއް އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ