އައްޑޫ ކަރަންޓް މައްސަލައިގައި ފެނަކަ ވެރިންގެ އިހުމާލު އޮތްކަމަށް ވިދާޅުވެ މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ، ކަރަންޓުގެ މައްސަލައަށް ހައްލުނުލިބި ދިގުލައިގެން ދިއުމުގައި ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން އެބައޮތް ކަމަށް ވިދާޅުވެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމަށް މެދުވެރިވާ ސަބަބުތައް ސާފުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެދިވަޑައިގެންފިއެވެ.
އަޒާން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ފެނަކަ އައްޑޫ އޮފީހުގައި މަސައްކަތް ކުރައްވާ ސީނިއަރ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމުން އެނގުނު ގޮތުގައި، އައްޑޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއަރތަކަށް ހެޑް އޮފީހުގައި ރިކުއެސްޓްކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ނުލިބެއެވެ. އައްޑޫގައި ފެނަކައިން ހިންގާ އިންޖީނުގޭގައި މިވަގުތު ހުރި 17 އިންޖީނުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަނީ 13 އިންޖީނެއް ކަމަށާއި ހަތަރު އިންޖީނަކަށް މައްސަލަ ދިމާވެފައިވާއިރު، އޭގެ ތެރެއިން އެންމެ އިންޖީނެއް ފިޔަވައި ދެން ހުރި ތިން އިންޖީނު ހުރީ މަރާމާތު ނުކުރެވޭ ހާލަތުގައިކަން އަޒާން ފާހަގަ ކުރެއްވިއެވެ.
އަޒާން ވިދާޅުވީ އައްޑޫގެ އަވަށްތަކުން ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ، އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 14 ޖަނަވަރީ 2025 ގައި އޭނާ އާއި އައްޑޫ ސިޓީ އަށް ނިސްބަތްވާ އެހެން ބައެއް މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންނާއި ބައްދަލު ކުރުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، ބޭނުންވާ ސްޕެއަރތައް 07 (ހަތެއް) ދުވަހުގެ ތެރޭގައި އައްޑޫއަށް ފޮނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހިމެނިވަޑައިގަންނަވާ ގޮތަށް ކުންފުނީގެ އިސްވެރިންގެ ފަރާތުން ޔަގީންކަން ދެއްވި ނަމަވެސް އިއްޔެ އާއި ހަމައަށް އެއްވެސް ސްޕެއާއެއް އައްޑުއަށް ލިބިފައި ނެތް ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހު އައްޑޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަށް އިތުރު 4 މެގަވޯޓު އިތުރުނުކުރެވޭ ނަމަ ރަމަޟާން މަހުގެ ތެރޭގައި ވެސް އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުކުރެވޭ ކަމަށް ފެނަކަ އައްޑޫ އޮފީހުގެ ސީނިއަރ މުވައްޒަފުން މައުލޫމާތު ދެއްވާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
"ކަރަންޓުގެ މައްސަލައަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށް ވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންގެ ފަރާތުން ފެންނަމުންދާ ފަރުވާކުޑަކަމާއި އިހުމާލުވުންތަކަށް ބަލާއިރު، ކަރަންޓުގެ މައްސަލަ ހައްލެއް ހޯދުމާއި ދިމާލަށް ފެނަކައިން މަސައްކަތް ކުރާތަން ނުފެނެއެވެ. އައްޑޫގެ އިންޖީނުގޭގެ ހާލަތު ހުރިގޮތުން އައްޑޫ އިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދެވެ. މިއީ އަޅުގަނޑު ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ ރައްޔިތުން، ޖުމްލަ ގޮތެއްގައި އައްޑޫގެ ރައްޔިތުންނާއި އަދި އަޅުގަނޑުގެ ވެސް ކަންބޮޑުވުމެކެވެ." އަޒާންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އަޒާން އެދިވަޑައިގެންފައި ވަނީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު އާއި ކުރީގެ ޕްރޮކިއުމަންޓް ހެޑް ޢަބްދުލް ވާޙިދު އާއި މިހާރު ޕްރޮކިއުމަންޓް ހެޑް މަރިޔަމް ޝަހުލާ އާއި ޗީފް ފައިނޭންޝިއަލް އޮފިސަރ ޢަބްދުﷲ ވަޙީދު އާއި ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މަސްޢޫދު އަދި ޗީފް ޓެކްނިކަލް އޮފިސަރ ޢަބްދުﷲ ނާޝިދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކޮށްދެއްވައި، އައްޑޫ އިންޖީނުގެއަށް ބޭނުންވާ ސްޕެއަރ އަދި އެހެނިހެން ސާމާނު ފޮނުވުމުގައި ލަސްވާ ސަބަބުތައް ސާފުކޮށްދެއްވުމަށެވެ.
ފެނަކަ ކޯޕަރޭޝަނުގެ ފަރާތްތައް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކުރައްވާއިރު، އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެކުލަވައިލައިފައިވާ ޓައިމްލައިނެއް ނުވަތަ ޕްލޭނެއް އޮތްނަމަ އެމައުލޫމާތު ވެސް ސާފުކޮށް ދެއްވުމަށް އަޒާންގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ