ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތުން ވެސް އިސްރާއީލަށް ހަމަލާދެނީ

އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް، ހޫޘީން އީރާނާ ގުޅިގެން އިސްރާއީލަށް އަމާޒުކޮށް ބެލިސިޓިކް މިސައިލް ހަމަލާދޭނެކަން އިއުލާނުކޮށްފިއެވެ. މިއީ އީރާނާ ގުޅިފައިވާ ޖަމާއަތަކުން އީރާނާ ގުޅިގެން ހަމަލާތައް ދިނުމުގައި އެއްބާރުލުން ދޭނެކަން އާންމުކޮށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން، ހޫޘީން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައެއް ބެލިސްޓިކް މިސައިލްތައް މެދުތެރޭ އިސްރާއީލުގެ ޖާފާއަށް އަމާޒުކޮށްފައިވާ ކަމަށް އަސްކަރީ ތަރުޖަމާނު ޔެހްޔާ ސާރިއާ ޓީވީން ދެއްކެވި ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެން މި ހަނގުރާމަ ކުރަނީ އީރާނާއި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި. އިސްރާއީލުގެ ދެކޮޅަށް އީރާނުގެ ސިފައިން ކުރާ މަސައްކަތްތަކާއި މި އޮޕަރޭޝަނާ ގުޅިގެން ކުރިއަށް މިގެންދަނީ،" ސާރިއާ ވިދާޅުވިއެވެ. އީރާނާއި ޔަމަނުން ފޮނުވާލި މިސައިލްތަކާ ގުޅިގެން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ސައިރެން އެކްޓިވޭޓް ކޮށްފައިވާ ކަމަށް އިސްރާއީލުން މީގެ ކުރިން ވަނީ ބުނެފައެވެ. ތެލް އަވީވަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަް. ފޮޓޯ/އޭޕީ ހުކުރު ދުވަހުން ފެށިގެން ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ހަމަ އެ ދުވަހު ޔަމަނުން ވެސް އިސްރާއީލަށް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. ޔަމަނުން ފޮނުވާލި މިސައިލެއް ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޫންއަށް ވެއްޓުނު ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިސައިލް ފޮނުވާލުމުގެ ޒިންމާ ހޫޘީން ނަގާފައެއްނުވެއެވެ. އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ހޫޘީން އަންނަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި އިރާނުން ރޭ ދިން ހަމަލާތަކުގައި އިސްރާއީލުން ގާތްގަޑަކަށް އަށް މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އިސްރާއީލުގެ އިމަޖެންސީ ޚިދުމަތްތަކުން ބުނި ގޮތުގައި އީރާންގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ