ބްރޯޑްކޮމްއަށް އައްޔަންކުރަން ކޮމިޓީން ތިން މީހަކަށް ރުހުން، ލިސްޓުގެ ކުރީގައި ޒަމްއަތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ލިސްޓުގައި އެންމެ ކުރީގައި އޮތް ޒަމްއަތަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެންމެ މަތީ މާކްސް ދީފިއެވެ. ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސްވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފައެވެ. އެ ނަންތަކުގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރަށް ނަމަވެސް މަޖިލީހުން ރުހުން ދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާނަށެވެ. އަދި ރައީސް ވަނީ އޭނާ ބްރޯޑްކޮމްއަށް އައްޔަންކުރައްވައިފައެވެ. މިދިޔަ މަހުގެ 12ގައި ރައީސް ވަނީ އެ ކޮމިޝަނަށް އައްޔަންކުރަން ހަ ބޭފުޅުންގެ އިތުރު ލިސްޓެއް ފޮނުއްވައިފައެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީއެވެ. އަނާގެ މަގާމަށް ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަކީ: ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ އިބްރާހީމް އަޝްރަފް/ ވ. މަށަވެލި މޫސާ ރިޟްވާން/ މ. ހާވިލާ ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ އެ ލިސްޓުގައި ހިމެނޭ މީހުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ކޮމިޓީން އެފަދަ މުއައްސަސާތަކަށް އެންމެ ގާބިލު މީހެއް ކަމަށް ބަލާނީ، ކޮމިޓީން ކުރިއަށްގެންދާ އިންޓަވިއުއިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން އެވަރެޖް 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ލިބޭ މީހުންނެވެ. މިނިވަން މުއައްސަސާތަކަށް އިންޓަވިއުކުރެވޭ ކުރެވޭ ފަރާތްތަކަށް މާކްސް ދިނުމުގެ މިންގަނޑުގައިވަނީ، ކޮންމެ ކޮމިޓީއަކުން ވެސް އެ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއުއިން އެވަރެޖް 75 ޕަސެންޓުން މަތިން މާކްސް ލިބޭ މީހުން އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކުރަން ވާނެ ކަމަށެވެ. ރައީސް ފޮނުއްވި ލިސްޓަށް ކޮމިޓީން މާކްސް ދިން ތަރުތީބަކީ: ޒަމްއަތު އަހުމަދު ވަހީދު - 89.29 ޕަސެންޓް ޒީނާ ޒާހިރު - 84.57 ޕަސެންޓް ޝިމްލާ އަހުމަދު - 76.86 ޕަސެންޓް އިބްރާހީމް އަޝްރަފް - 67.71 ޕަސެންޓް އަލީ ޔޫސުފް - 64.17 ޕަސެންޓް އެހެންވެ، އެ ކޮމިޓީން ނިންމީ، 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިފައިވާ ތިން މީހުން ބްރޯޑްކޮމްއަށް އައްޔަންކުރަން ގާބިލު ކަމަށެވެ. އަދި އެ ރިޕޯޓު ތަޅުމަށް ފޮނުވުމަށް ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ޒަމްއަތަކީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އޭނާވަނީ މީގެ ކުރިން ޕަބްލިކް ސާވިސް މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއަކަށް މަސައްކަތް ކުރައްވައިފައެވެ. އޭގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެއްވެވިއެވެ. ޒަމްއަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވައިފައެވެ. ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރަން ތައްޔާރުވެފައިވާއިރު، އެ ކޮމިޝަން ތެރޭގައި އުފެދެނު މައްސަލަތަކެއް މިފަހުން ފެންމަތިވެފައެވެ. އެގޮތުން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. ނަމަވެސް، ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ވަނީ މީގެކުރިން ވިދާޅުވެފައެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބެވީ ޞަފާއާއި ރިލްވާންގެ އިތުރުން ޝިފްލާ އިބްރާހީމާއި، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އާއި އާމިނަތު ސަރާހަތު އިއްޒަތުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ