އިރާނުން ފަތިހު ދިން ހަމަލާތަކުގައި އިޒްރޭލުގެ ތިން މީހަކު މަރާލައި ކަރަންޓް ގްރިޑަށް ގެއްލުން ދީފި އިރާނުން ފަތިހު ދިން ހަމަލާތަކުގައި އިޒްރޭލުގެ ތިން މީހަކު މަރާލައި ކަރަންޓް ގްރިޑަށް ގެއްލުން ދީފި

އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އިރާނުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ރޭ ފަތިހު ދިން ހަމަލާތަކުގައި އިޒްރޭލުގެ ތިން މީހަކު މަރާލައި ކަރަންޓް ވިއުގަ އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭ އަދި މިއަދު ހެދުނު ދެމުން ގެންދާ ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާ ކަން ޔަގީންވެފައިވާ ކަމަށެވެ. އިތުރު 60 މީހަކު ޒަހަމްވެ ތިން މީހަކު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުގެ ކަރަންޓު ކުންފުންޏާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާތަކުގައި އެ ގައުމުގެ މެދުތެރޭގެ ކަރަންޓު ވިއުގައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މިކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ކަރަންޑު ނަރުތަކުން އާންމުންނަށް ކަރަންޓު ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިރާނުގެ ހަމަލާތައް އިޒްރޭލުގެ އައްސޭރި ސިޓީ ހައިފާގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ. އެ މަރުކަޒުގެ ވަށައިގެން ދުން އަރާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވަމުން ދިޔަ ނަމަވެސް ސީދާ އެތަނަށް ހަމަލާއެއް އަމާޒުވިކަން ސާފެއް ނޫނެވެ.
ހުކުރު ދުވަހު އިޒްރޭލުން ފުރަތަމަ ދިން ހަމަލާތަކުގައި އިރާނުގެ ނިއުކްލިއާ މިޝަންގެ އިސް ސައިންސްވެރިންނާއި އަސްކަރީ ކޮމާންޑަރުން މަރާލާފައިވެ އެވެ. އިޒްރޭލުން އަދި އެމެރިކާއިން ތުހުމަތުކުރަނީ އިރާނުން އެޓޮމިކް ބޮމެއް އުފައްދަމުން ކަމަށެވެ.
އިޒްރޭލުން މިފަދަ ހަމަލާތަކެއް ދޭން ފެށީ އިރާނުން ނިއުކްލިއާ މައުދަންތައް ފައްކާކުރުމަށް ހިންގާ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައި ވަނިކޮށެވެ. މިދިޔަ މަހާއި މި މަހުގެ ކުރީކޮޅު އެ ދެ ގައުމުން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
އެ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި އިރާނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 224 އަށް އަރާފަ އެވެ. މީގެތެރޭގައި 70 އަށްވުރެ ގިނަ އަންހުންނާއި ކުޑަކުދިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ