ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން 4-0 އިން އެތުލެޓިކޯ މެޑްރިޑް އަތުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
ޕަސަޑޭނާގެ ރޯސް ބޯލް ސްޓޭޑިއަމްގައި، 80،000 މީހުން ކުރިމަތީގައި ރޭ ކުޅުނު މެޗުގައި، ޕީއެސްޖީން މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ، ކޮންޓްރޯލް ނަގައިގެން ކުޅެން ފެށި އެވެ. އެ ގޮތުން، ޕީއެސްޖީން ލީޑުނެގީ، 19 ވަަނަ މިނިޓްގައި ފަބިއަން ރުއީޒް ޖެހި ގޯލުންނެވެ. މިއީ، ކްވިޗާ ކްވަރަޝްކޭލިއާ ދިން ބޯޅަ އަކުން ރުއީޒް ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ލީޑުފުޅާކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، މި ގޯލު ޕީއެސްޖީ އަށް ޖަހައިދިނީ، ކްވަރަޝްކޭލިއާ ދިން ބޯޅައަކުން، ވިޓީނިއާ އެވެ. ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިދޭން ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކީޕަރު، ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
އެތުލެޓިކޯ އިން މި ހާފުގައި ގޯލެއް ޖެހި އެވެ. އެކަމަކު، އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި މި ގޯލު ބަލައިނުގަަތީ، އެޓޭކް ފެށިއިރު، ޕީއެސްޖީގެ ޑެސެއާ ޑޫއޭ އަށް އެތުލެޓިކޯގެ ކޯކޭ ފައުލުކޮށްފައި އޮތުމުންނެވެ.
މެޗުގައި ކުރިއަށްދާ އެތުލެޓިކޯ އަށް އިތުރަށް މައްސަލަ ދިމާވީ، 78 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ކްލެމެންޓް ލޯންގްލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ 10 މިނިޓް ފަހުން، ޕީއެސްޖީން ތިން ވަނަ ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ސެނީ މަޔޫލޫ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ޕީއެސްޖީގެ ލީ ކަންގް އިން ވަނީ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ އެތުލެޓިކޯގެ ޑިފެންޑަރު، ރޮބިން ލެ ނޯމާންޑް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
ރޭ ކުޅުނު ގްރޫޕް އޭގެ އަނެއް މެޗުން، ޕަލްމެއިރާސް އާއި ޕޯޓޯ ވަނީ ލަނޑެއް ނުޖެހި، 0-0 އިން އެއްވަރުވެފަ އެވެ.
އެތުލެޓިކޯ އަތުން ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އަށް ފުރިހަމަ މޮޅެއް އެތުލެޓިކޯ އަތުން ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އަށް ފުރިހަމަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ