އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ނަޝީދު، ފައްޔާޒާ އެކު
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައިވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމާ ގުޅިގެން ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނަޝީދާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ޑިމޮކްރެޓްސްއިން ދިން ކެއުމެއްގައި ބައިވެރިވެފައި ވާކަމަށެވެ. އަދި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަަދަލުކުރި ކަމަށް މި ޕޯސްޓުގައި ވެއެވެ. "ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" އެ ޕޯސްޓުގައި ފައްޔާޒު ލިޔުއްވާފައި ވެއެވެ. https://x.com/faya_i/status/1934539661478953315 މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީއާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ބައިވެރިވެ ވަޑައިގަތެވެ. އަދި ޑިމޮކްރެޓްސްގައި ހުރުމަށްފަހު ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެއްވީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. https://sun.mv/202577 "އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" ނަޝީދުގެ އަރިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައިވެއެވެ. އެމްޑީޕީގެ ރައީސްކަން ކުރެއްވި، އަދި އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ގައުމު ހިންގެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ، 2023ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނާއި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ދެ ބޭފުޅުން ވާދަކުރައްވައި ނަޝީދު ނާކާމިޔާބުވުމުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީގެ އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތައް ކުރިއެވެ. އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވީއެވެ. އަދި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖޫން 21، 2023ގައި އެ މަނިކުފާނު ވެސް ޕާޓީން ވަކިވެވަޑައިގަތެވެ. އެއަށްފަހު ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބުނީ ހަތް ޕަސެންޓް ވޯޓެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރަން އެ ޕާޓީން ދެކޮޅުހެދިއެވެ. އޭގެ ފަހުން ޑިސެމްބަރު 2023ގައި ނަޝީދުވަނީ، ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން އެއްބަސްވެވައިޑެން، އަހަރުތަކަކަށް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވާން ނިންމެވިކަން އިއުލާންކުރައްވައިފައެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހު އެ މަނިކުފާނު ވަނީ، ސިޔާސީ ހަރަކާތުން މުޅިން ދުރަށް ނުދާ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ