ރާއްޖޭގެ އިގްތިސާދު ހަަމައަކަށް ނޭޅުވިގެން އުޅެނީ މިދިޔަ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނީގެ ބޮޑުކަމުންނާއި ރަށްތަކާއި ފަޅުތައް ވިއްކާފައި އޮތް ވަރުން ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް މިރޭ ވިދާޅުވެއްޖެ އެވެ. އެއާ އެކު، އެގޮތަށް އެކަން ނުކޮށް، ލިބޭ މިންވަރަކުން ފަރުޖައްސާތީ ރައީސް މުހައްމަދު މުއިއްޒަށް ސާބަސްދީ، ޝުކުރު އަދާކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް މިހެން ވިދާޅުވީ މިރޭ އޮތް ޕީއެންސީގެ ޖަގަހަ ޖަލްސާގައި، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތާ މެދު ސަރުކާރަށް އިދިކޮޅުން ކިޔާ ފާޑުކިއުންތަކަށް ރައް ދުދެއްވަމުންނެވެ. ދައުލަތުގެ އާމްދަނީ މައްޗަށް ނުދާ ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ވެސް ސަލީމް މިރޭ ރައްދު ދެއްވި އެވެ.
ބުނީ ކީކޭ؟ - ސަލީމް ވިދާޅުވީ ދައުލަތުގެ އާމްދަނީ މައްޗަށް ދިޔައަސް، މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ކުރީގެ ސަރުކާރުތަކުން އިގްތިސާދު ހަމައަކަށް އެޅުވުމުގެ ނަމުގައި ގައުމަށް ވެފައިވާ "ހިޔާނާތްތައް" ބޮޑުވުން ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ލިބޭ އެއްޗަކަށް ވުރެ މީގެ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ބޮޑުވުމުން އެ ދަރަނި ދައްކަން ދައުލަތުގެ ފައިސާއިން ބޮޑު ބައެއް ހަރަދުކުރަންޖެހޭ
ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކާފައި އޮތުމުން އޭގެ އަގު ވެސް ދައްކަންޖެހެނީ ރައްޔިތުން
"މި ހިސާބުން އަޅުގަނޑުމެންނަށް ވެސް އެބައޮތޭ ފައިސާ ޗާޕުކޮށްފައި، ބޭރުން ބޭނުން ވަރަކަށް ލޯން ގެނެސްފައި، މިތާ ހުރި ހުރިހާ ރައްތަކެއް ނުއަގުގައި ވިއްކާލާފައި ފައިސާ ހޯދޭނެ ގޮތްތައް. ނޭނގިގެނެއް ނޫނޭ މިއުޅެނީ. ފައިސާ ހޯދޭނެ ގޮތް އެބަ އިނގެޔޭ ބައިވަރު،" ސަލީމް ވިދާޅުވި އެވެ.
"އެކަމަކު އެ ގޮތަށް ފައިސާ ހޯދީމާ ނަތީޖާއަކީ ކޮބައިތޯ މިއަދު. މިއަދު މި ހިސާބަށް އަންނަން ޖެހުނީ އެގޮތަށް ކަންތައް ކުރުމުގެ ނަތީޖާ."
ސަލީމް ވިދާޅުވި ގޮތުން، އެގޮތަށް ނުއަގުގައި ވިއްކާލައިގެން ދައުލަތަށް ފައިސާ ހޯދަން ބޭނުންވާ ނަމަ، ވިއްކާލެވިދާނެ ބައިވަރު ފަޅު ރަށްތަކާއި ފަޅުތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށާއި ގަންނާނެ މީހުން ވެސް ބައިވަރު އެބަތިބި ކަމަށެވެ. އަދި އެ ތަންތަން ވިއްކާލައިގެން ރައީސް މުއިއްޒަށް ވެސް ހަމަޖެހިލައިގެން އިންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ޑޮލަރުގެ ދަތިކަމެއް ވެސް، ދައުލަތަށް ބޭނުންވާ ފައިސާގެ ދަތިކަމެއް ވެސް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ގޮތަށް ކަންކުރައްވާނީ "ހިޔާނާތްތެރިން"ނާއި "ގައްދާރުން" ކަމަށް ސަލީމް ވިދާޅުވި އެވެ.
"ފަޅެއް އޮތަސް، ދެން ހުރި ތަނެއް ވެސް އަޅުގަނޑުމެންނަށް ވިއްކާލެވިދާނެ. އެކަމަކު އެއީތޯ ގައުމަށް ކަންތައްތައް ކުރަންވާ ގޮތަކީ؟ އެއެއް ނޫނޭ. އެއީ ގައުމަށް ހިޔާނާތްތެރިވުން އެއީ ގައުމަށް ގައްދާރުވުން. އޭގެ ކުރީގައި އެ ގޮތަށް ކަންކަން ކުރީމާ މި ހިސާބަށް އަންނަން ޖެހުނީ،" ސަލީމް ވިދާޅުވި އެވެ.
އެހެން އެކަން ނުކޮށް، ލިބޭ އެއްޗަކުން ފަރުޖައްސައިގެން ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވާތީ ރައީސް މުއިއްޒަށް އައްސަރިބަހާ ސާބަސްދީ، ޝުކުރު އަދާކުރަންޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުން ފެށިގެން ސަރުކާރާއި މަޖިލީހުގައި ވެސް އުޅުއްވި ބޭފުޅެއްގެ ހައިސިއްްޔަތުން ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ކަންކަން ހިނގަމުންދިޔަ ގޮތް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އެގޮތުން، މައުމޫނުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ހަމައަށް ވެރިންގެ ބޮލުގައި އެޅުވުނު ތުހުމަތުތަކާއި ވެރިން ކަންކުރެއްވި ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އިދިކޮޅުން މިހާރު ކުރަން އުޅޭ ކަމަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ ވެރިންގެ ބޮލުގައި އެޅުވުނު ވަގު ތުހުމަތުތައް ރައީސް މުއިއްޒުގެ ބޮލުގައި ވެސް އެޅުވުން ކަމަށެވެ. އެކަމަކު އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒު ކަންކަން ކުރައްވަނީ އެއަށް ވުރެ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ސަލީމް ވިދާޅުވީ:
މިއަދު ވެސް ގައުމަށް ލިބޭ އެއްޗަކުން މާ ބޮޑެތި ދަރަނިތަކެއް ނުނަންގަވާ ރައީސް މުއިއްޒު ހިފަހައްޓަވަމުން ގެންދަވާ
މީގެ ކުރީގެ ވެރިކަންތަކުގައި ކަންކުރި ގޮތަށް މުސާރަ ދޭން ވިޔަފާރިވެރިންގެ އަތުން މި ސަރުކާރުން ފައިސާ ނުހޯދާ
"އޭގެ މާނައަކީ އެ މަނިކުފާނުގެ ކުޅަދާނަކަން. އެއީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހީނަރުވުމުގެ ޒިންމާ މި ސަރުކާރުގެ ބޮލުގައި އަޅުވަން އުޅެނީ މިދިޔަ ސަރުކާރުތަކުން ކަންކޮށްފައި އޮތް ގޮތް ރައްޔިތުންނަށް ސާފުނުވެ އޮތުމުގެ ސަބަބުން ކަމަށެވެ. އެކަން ސާފުކޮށްދޭންޖެހޭނެ ކަމަށާއި ނޫން ނަމަ އެކަން އަޅުވާނީ މި ސަރުކާރުގެ ބޮލުގައި ކަމަށް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އޭނާ ދެންނެވި ކަމަށް ސަލީމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ދިރާސާތަކާ ހަވާލާދީ ސަލީމް ވިދާޅުވި ގޮތުން:
މިދިޔަ ފަސް އަހަރު ނިމުނުއިރު ކޮންމެ ކުންފުންޏެއް އޮތީ 5-6 ބިލިއަން ރުފިޔާ އިން ދަރާފައި
ދައުލަތުގެ މުޅި ހުރިހާ ކުންފުނިތަކުން މިދިޔަ ސަރުކާރުގައި 10 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވޭ
ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށްގެންނާއި ތަކެތި ގަނެގެން ހަމައެކަނި ފެނަކައަށް ގެންލުން ވެފައި އޮތް އަދަދު 4 ބިލިއަން ރުފިޔާއަށް އަރާ
މި ހަގީގަތްތައް ރައްޔިތުންނަށް އަބަދުމެ ކިޔައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރާ ހަވާލުވިއިރު އެކަންކަން އެހެން އޮވެދާނެ ކަމަށް ބެލެވުނު ކަމަށާއި އެކަމަކު އެ ވަރުގެ ބޮޑު ގެއްލުން އިގްތިސާދަށް ސަރުކާރަކުން ކޮށްފައި އޮވެދާނެކަން ހުދު އޭނާ ވެސް އޭރު ގަބޫލުނުކުރައްވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އެކަން އެނގުނީ ސަރުކާރާ ހަވާލުވި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން މި ބުނަނީ ސަރުކާރާ ހަވާލުވާން އައިރު ބުންޏޭ ހުރިހާ ކަމެއް ހަމަޖައްސާނަމޭ، ހުރިހާ ކަމެއް ބަރާބަރަށް އެބަހުއްޓޭ. އަޅުގަނޑުމެން އައީ ބަރާބަރަށް ހަމަޖައްސާށޭ. ކަންތައްތައް ވެސް ހުރީ ކުރެވޭ ގޮތަށޭ. ނަމަވެސް އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ހާލަތު އޮތީ ގޯސްކޮށޭ،" ސަލީމް ވިދާޅުވި އެވެ.
އިގްތިސާދު ހަމައަކަށް ނޭޅިގެން އުޅެނީ ފަޅުތަކާއި ރަށްތައް ވިއްކާފައި އޮތް ވަރުން: ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ