ބުރުނު ޝިކާރަށް އެމްބީބީއޭ އޮތީ ތައްޔާރަށް ބުރުނު ޝިކާރަށް އެމްބީބީއޭ އޮތީ ތައްޔާރަށް

ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" ފެށުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވެއްޖެ އެވެ.
މާދަމާ ބުރުނު ޝިކާރު މުބާރާތް ފަށާއިރު، މިއީ މި މުބާރާތް ބާއްވާ ހަތް ވަނަ ފަހަރެވެ. މިއީ، ބޮޑީބޯޑިންގެ އެންމެ ދުވަސްވީ އެއް މުބާރާތެވެ.
މި ފަހަރުގެ މުބާރާތުގައި ވެސް ތަފާތު ގިނަ ކަންކަން ފެނިގެންދާނެ ކަމަށް ރަޝް ވިދާޅުވި އެވެ. އަދި މުބާރާތުގެ ސީނިއާ ކެޓަގަރީ ވެގެންދާނީ މިހާތަނަށް މުބާރާތެއްގައި އެންމެ ވާދަވެރިކޮށްދާ އެއް މުބާރާތައް ކަމަށް ރަޝް ވިދާޅުވި އެވެ.
މުބާރާތުގެ ކުރިން ކުރިއަށް ހުރި ދުވަސްތަކަށް މޫސުން އޮތް ގޮތް ފޯކާސްޓް ކުރިކަމަށް ރަޝް ވިދާޅުވި އެވެ. އަދި މުބާރާތް މާދަމާ ފަށާއިރު، މާދަމާ ރަނގަޅު ރާޅު ލިބޭނެ ކަމަށާއި، އެކަމަކު ޖެހިގެން އަންނަ ބުދަ ދުވަހު ރާޅު ކޮލެޓީ ދަށްވި ނަމަވެސް ބުރާސްފަތި ދުވަހު އަލުން ރާޅު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ރަޝް ވިދާޅުވި އެވެ.
ރަޝް ވިދާޅުވީ މި ފަހަރުގެ މުބާރާތުގައި ވެސް ރަނގަޅު ރާޅު ލިބިގެން ކުރިއަށް ގެންދެވިއްޖެ ނަމަ ތިން ދުވަހުން މުބާރާތް ނިންމާލެވޭނެ ކަމަށެވެ.
"ޕާސްޓު މުބާރާތްތަކަށް ބަލާއިރު، ބުރުނު މީ ބޮޑީބޯޑިން ސީޒަން ފަށަން ބާއްވާ މުބާރާތެއް. ޕާސްޓު މުބާރާތްތަކުގައި ރަނގަޅު ކޮންޑިޝަނެއް ލިބި ރަނގަޅު ފައިޓެއް އެތުލީޓުން ދީފައިވޭ. ދެން އަޅުގަނޑުމެން މި އުންމީދުކުރަނީ މި ފަހަރުވެސް ރަނގަޅު ފައިޓެއް އެތުލީޓުން ދޭނެ ކަމަށް" ރަޝް ވިދާޅުވި އެވެ.
މި ފަހަރުގެ މުބާރާތް ވެސް ބާއްވާނީ މާލޭ ވަރުނުލާ ރާޅުގަނޑުގަ އެވެ. އެ ސަރަހައްދުގައި މީގެ ކުރިން "ބްރިޖް ވިއު" ސިޑިބަރި ހަދާފައި ހުރި ނަމަވެސް އެތަނުގައި ސާފިން އެރީނާ ހެދުމަށް ވަނީ ތަޅާލައިފަ އެވެ. އެހެންވެ، އެމްބީބީއޭ އިން ވަނީ އެތަނުގައި ސަޕޯޓަރުންނަށް ތިބެވޭނެހެން ސިޑިބަރިތަކެއް ބަހައްޓައިފަ އެވެ.
މި ފަހަރުގެ މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގައި 23 އެތުލީޓުން ބައިވެރިވެފައިވާއިރު، ޖޫނިއާ މެންސް ކެޓަގަރީގައި ނުވަ އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. އަދި ޑްރޮޕްނީ ކެޓަގަރީގައި 9 އެތުލީޓުން ވާދަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ