2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ބައްދަލުކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު މާލޭގައި ހުންނެވި ނަޝީދު އާއި ފައްޔާޒު ބައްދަލުކުރައްވާފައިވަނީ އިއްޔެ އަދި ރޭގެ ވަގުތެއްގަ އެވެ. މިއަދު ދެ ބޭފުޅުން ބައްދަލުކުރެއްވީ ގ. ބޮޑުފެންވަޅުގޭގަ އެވެ.
ފައްޔާޒު ވަނީ އެކަން ކަށަވަރުކޮށްދެއްވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކުރައްވާފަ އެވެ. އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދާއި ޑިމޮކްރެޓުންގެ މެންބަރުން ދެއްވި މެންދުރު ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ހުރިކަން ނަޝީދު ހާމަކުރައްވާފައިވަނީ މި މަހުގެ ކުރީ ކޮޅު އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިފަދަ ވިސްނުމެއް ގެންގުޅުއްވާކަން ހާމަކުރައްވައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް އިސް މެންބަރުންނަށް މެސެޖެއް ފޮނުއްވިކަން އަދަދު އަށް ވަނީ ޔަގީން ކުރެވިފަ އެވެ. އިންތިހާބުގައި ވާދަކުރައްވަން ގަސްތުކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" އެމްޑީޕީގެ އިސް ލީޑަރެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށް ފަހު ޖޫން 21، 2023 ގައި އެ ޕާޓީން ވަކިވެވަޑައިގަތް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑެވެ. އެގޮތުން، މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެ ޕާޓީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުالله ޝާހިދު އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މިނިވަން ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު އެމްޑީޕީން ވަކިވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވައި، 18 އަހަރު ދުވަހު އެ ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވުމަށް ފަހު އެވެ. އެމަނިކުފާނަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
ރިޔާސީ ރޭހަށް ޝައުގުވެރިވާ ނަޝީދާއި ފައްޔާޒުގެ ބައްދަލުވުމެއް ރިޔާސީ ރޭހަށް ޝައުގުވެރިވާ ނަޝީދާއި ފައްޔާޒުގެ ބައްދަލުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ