ރިސޯޓް ލީގު: ވޮއްމުލިން ފައިނަލަށް ދިޔުމުގެ ފުރުސަތު ނަގާލިއިރު، އިރުވެލި އާއި ކަނޑިންމަ އެއްވަރު ރިސޯޓް ލީގު: ވޮއްމުލިން ފައިނަލަށް ދިޔުމުގެ ފުރުސަތު ނަގާލިއިރު، އިރުވެލި އާއި ކަނޑިންމަ އެއްވަރު

ރިސޯޓް ލީގު 2025 ގެ ދ. ޒޯނުގައި ނިޔާމަ ޕްރައިވެޓް އައިލަންޑް އަތުން 3-1 ގެ ނަތީޖާ އަކުން ބަލިވެ، ސެއިންޓް ރެޖިސް ވޮއްމުލި އިން ފައިނަލަށް ދިޔުމުގެ ސީދާ ފުރުސަތު ނަގާލިއިރު، ސަން ޝިޔާމް އިރުވެލި އާއި ކަނޑިންމަ މޯލްޑިވްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
އިއްުޔެ ހަވީރު ކަނޑިންމަ އާއި އިރުވެލި ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 28 ވަނަ މިނިޓްގައި އިރުވެލި އަށް ލީޑު ނަގައިދިނީ އިބްރާހީމް އާލިމް ޖެހި ގޯލުންނެވެ. އެކަމަކު އޭގެ މިނިޓް އެއް ފަހުން ކަނޑިންމައިގެ ކެޕްޓަން އަދި މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަޔާޒް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގެ 39 ވަނަ މިނިޓްގައި ކަނޑިންމަ އަށް ލީޑު ނަގައިދިނީ އަކްރަމް އަހުމަދެވެ. އެކަމަކު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އިރުވެލީގެ ޝާމިލް ޝަހީމް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ސެއިންތް ރެޖިސް ވޮއްމުލީގެ މައްޗަށް ނިޔާމަ ޕްރައިވެޓް އައިލަންޑް އިން ކުރިހޯދީ 3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވެގެން ވޮއްމުލި އަށް ފައިނަލުގެ ސީދާ ޖާގަ އެއް ލިބެން އޮތެވެ.
މި މެޗުގެ ހަވަނަ މިނިޓްގައި ނިޔާމަ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަހުމަދު ޝައިހާން އެވެ.
ނިޔާމައިން ލީޑު ފުޅާކުރީ މެޗުގެ 31 ވަނަ މިނިޓްގައި ވޮއްމުލީގެ އިބްރާހީމް އަލީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ވޮއްމުލީގެ ޝަފީއު ހަސަން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
މެޗުން ނިޔާމަ މޮޅުކޮށްދިން ގޯލު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ ކެޕްޓަން ޝައިހާން އެވެ.
މި މުބާރާތުގެ ދ. އަތޮޅު ޒޯނުގައި ފަސް ޓީމުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ދެވަނަ އަދި ތިންވަނަ އަށް ދާ ޓީމަށް ޖެހޭނީ ސެމީ ފައިނަލް ކުޅޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ