މުސްލިމުންގެ ތެރެއިން މީހަކު ނަމަވެސް ސިޙުރުހަދާނަމަ އެމީހަކު އެހުރީ ދީނުން ބޭރުވެގެންނެވެ. އެހެންކަމާއިއެކުގައިވެސް ގިނަބައަކަށް ކުރަންނުކެރޭނެ ނުބައި ޢަމަލުތަކެއް ހުންނާނެއެވެ. އެއީ ދުނިޔޭގެ ދަހިވެތިކަމުގައި އެބޮޑުފާފަކުރިނަމަވެސް ގިނަ މީހުންގެ ހިތުގައި ކޮންމެވެސް މިންވަރަކަށް ބިރުވެތިކަން އޮންނާނެތީ ކޮންމެ ކޮންމެ ކަމެއް ކުރަން ކޮންމެވެސް ވަރަކަށް ޖެހިލުންވާނެތީއެވެ.
އެއިގެ ބަދަލުގައި ކާފިރު ސިޙުރުވެރިންގެ ހިތުގައި އެއްވެސް ބިރުވެތިކަމެއް ނުއޮންނާނެއެވެ. ވީމާ ކުރަން ޝައިޠޯނާބުނާ ކޮންމެ ކަމެއް އެމީހުން ކުރާނެއެވެ. އެހެންވެ އެމީހުން ހަދާ ސިޙުރުގެ ބާރު މާގަދަވާނެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ އެއީ މުސްލިމުން ބިރުގަންނަން ޖެހެންވީ ސަބަބެއް ނޫނެވެ. އަހުރެމެން ރުޤްޔާ ކުރަނީ ކީރިތި ޤުރްއާނުންނެވެ. ޤުރްއާނަށްވުރެ ބާރުގަދައެއް ނުވެވޭނެއެވެ. ވީމާ ސިޙުރު ބާޠިލުކުރަން ކުރަން އޮތް މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނުއެޅޭނެއެވެ.
އާނއެކެވެ! ވަރުގަދަ ސިޙުރު ބާޠިލުކުރަން ކުރަންޖެހޭ ކަންކަން ބޮޑެތިވެފައި ބުރަވާނެއެވެ. ނަމަވެސް އެމަސައްކަތް ކުރެވިއްޖެނަމަ ބާޠިލް ނުކުރެވޭނެ ސިޙުރެއް ނެތެވެ. އިން ޝާ ﷲ
މިވާހަކަކޮޅު ބުނެލަން މިޖެހެނީ ކާފިރުން، ޚާއްޞަކޮށް ހާމުދުރުން ހަދާ ސިޙުރު ބާޠިލުނުކުރެވޭނެ ކަމަށް ބަލައި ބައެއް މީހުން މާޔޫސްވާތީއެވެ. ބޮޑަސް މަސައްކަތް ކުރަންޖެހުމުން އެކަމަކުން އަރައިނުގަނެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. މިއީ މުޅިން ބާޠިލް ވިސްނުމެކެވެ. ﷲ ތަޢާލާއަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވަތަ އެއްޗެއް ނުވެއެވެ. ﷲ ތަޢާލާއީ ކޮންމެ ކަމަކަށްވެސް ހުރިހާ ބާރުތަކެއް އެންމެ ފުރިހަމައަށް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަމަށް ޝައްކުވެސް ކޮސްގެން ނުވާނެއެވެ.
އަދިވެސް ބުނެލާނަމެވެ. ޤުރްއާނުގައި އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ. މައްސަލަ އޮންނާނީ ރާޤީންގެއެވެ. އެމީހުން ރުޤްޔާކުރާ ގޮތުގައެވެ. އެމީހުންނަށް ކަންކަން އެނގޭ މިންވަރުގައެވެ. ވީމާ ޤުރްއާނަށް އިތުބާރުކުރާށެވެ! ﷲ ތަޢާލާގެ ޙަމްރަތުން ވާގިއެދޭށެވެ! އެމީހަކަށް ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކާފިރު ސިޙުރުވެރިން ހަދާ ސިޙުރުގެ ނުރައްކާ ބޮޑުވާނެ! އެކަމަކު ޤުރްއާނުން ބާޠިލްކޮށް ނުލެވޭނެ ސިޙުރެއް ނުހެދޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ