7 އަހަރަށް ފަހު ވެސް ސިނަމާލެ ބުރިޖުގެ ހާލަތު ބަރާބަރު: ޗައިނާ ސަފީރު
ރާއްޖޭގެ އެންމެ ވަރުގަދަ އުމްރާނީ ބިނާ ކަމަށްވާ ސިނަމާލެ ބުރިޖަށް ހަތް އަހަރުވީއިރު، އަދިވެސް އެ ތަނުގެ ހާލަތު ބަރާބަރު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ ސިނަމާލެ ބުރިޖުގެ އިންސްޕެކްޝަން ހަދާ ޒުވާން ޓީމާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ބުރިޖު ހުޅުވިތާ ހަތް އަހަރުވީއިރު، އަދިވެސް އެ ތަނުގެ ހާލަތު ބަރާބަރުކަން އިންސްޕެކްޝަނަށް ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބުރިޖުގެ މެއިންޓެނެންސް މަސައްކަތުގައި ހަރަކާތްތެރިވަނީ ޗައިނާގެ ޒުވާން އިންޖިއަރުންގެ ޓީމެކެވެ. މި މަސައްކަތުގައި އެ މީހުންނާއެކު ޒުވާން ދިވެހީން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ސަފީރު ލިޔުއްވާފައިވެއެވެ. https://x.com/China_Amb_Mdv/status/1920115061869457640 އެ ގޮތުން އިންޖިނިއަރިންގެ ދާއިރާއިން ދިވެހި ޒުވާނުން ތަމްރީނުވެ، ބުރިޖު މެއިންޓެނެންސް މަސައްކަތާ ދިވެހީން ހަވާލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)އާ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނޮވެމްބަރު 23، 2015ގައެވެ. ސިނަމާލެ ބުރިޖު: ހަތް އަހަރު ފަހުންވެސް ބުރިޖުގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ޗައިނާ ސަފީރު ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު އެ މަޝްރޫއަށް ޗައިނާ ސަރުކާރުގެ ލޯނާއި ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން 200 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލައި، ރަސްމީކޮށް ހުޅުވީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު، އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. ޗައިނާ މޯލްޑިްސް ފްރެންޑްޝިޕް ބުރިޖަކީ ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ގައުމުން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ