ރޯދަ މަހަކީ އަޅުކަމުގެ މައްސަރެވެ. ރޯދަމަސް އެއީ އަޅުކަމުގެ މައްސަރަކަށް ވަނީ އެ މަހުގައި އަޅުކަން ކުރަންޖެހޭތީ އެހެން ހުރިހާ ކަމެއް ހުއްޓާލީމައެއްނޫނެވެ. އެމަހުގައި ރޯދަ ހިފަންޖެހިގެން، ސުންނަތް އަޅުކަންކުރާންޖެހިގެން، އެނަމުގައި ދެދުނިޔޭގެ ވާޖިބުތަކުން އަތްއުރާލައިގެން، ގައުމުގެ ފުދުންތެރިކަން ހުއްޓާލައިގެން، ދަރާފައިވާ ބައިތުލްމާލަކުން ހާޒިރީ އެލެވެންސް ދެމުން ސަރުކާރު ބަންދުކޮށްގެން، ތިބުމަކީ އިސްލާމްދީނުގައި އޮތްގޮތެއް ނޫނެވެ.
ޒަމާނުއްސުރެ އަރަބި ކަރައިގައި ފެތުރިފައި އޮތް ޖާހިލިއްޔަތާއި ޝިރުކުގެ މޫތައް މުލުން ލުހެވި، ވަސަނިއްޔަތުގެ ބިންގާ ފުނޑުފުނޑުވެގެންދިޔަ ބަނދުރު ހަނގުރާމަ ހިނގީ ރޯދަމަހުގައެވެ. ކަޢުބަތުﷲ ގެފުޅު ހުރި މައްކާ މުސްލިމުން ފަތަހަކޮށް އެގެފުޅުގެ ވަށައިގެން ހުރި ބުދުތައް ތަޅާ ސުންނާފަތިކޮށް އެތަން ތާހިރުކުރެވުމުގެ ބުރަ މަސައްކަތްކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ރޯދަމަހުގައެވެ.
އެތަކެއް އަރަބި ގަބީލާތަކެއް އެކުވެގެން މަދީނާއަށް ހަމަލާދިނުމަށް އައުމުން އެ ހަނގުރާމައިގައި މުސްލިމުން ހެދި މޮޅު އުކުޅެއްކަމުގައިވާ މަދީނާގެ ރަށްބޭރުން ފުންވަޅުގަނޑުތަކެއް ކޮނުމުގެ މަޝްވަރާތަކާއި އެކަމުގެ އަމަލީ މަސައްކަތްކުރެވުނީ ހިޖުރައިން ފަސްވަނަ އަހަރުގެ ރޯދަމަހުގައެވެ. އެއީ އެއަހަރުގެ ޝައްވާލުމަހު ހިނގާދިޔަ ހައްދަގު ހަނގުރާމައެވެ.
މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި ކުރެއްވި އެންމެ ފަހު ހަނގުރާމަކަމުގައިވާ ތަބޫކު ހަނގުރާމައަށް މުސްލިމުންގެ ލަޝްކަރު ނުކުތީ ހިޖުރައިން ނުވަވަނަ އަހަރުގެ ރަޖަބު މަހުގައެވެ. މަސްތައް ފާއިތުވަމުން ގޮސް ރޯދަމަސް އައުމުން ޗުއްޓީކުރައްވާފައި އެނބުރި ވަޑައެއް ނުގަންނަވައެވެ.
ހަނގުރާމައިގައި ނަސްރު ލިބުނީ ރޯމަނުން ބިރުން ފަހަތަށް ޖެހި ފިލުމުންކަމަށްވިޔަސް މިކާމިޔާބެއް ވެސް ހިނގީ ހިޖުރައިން ނުވަވަނަ އަހަރުގެ ރޯދަމަހުގައެވެ. ސަގީފުން ވަފުދެއްގެ މީހުން އައިސް އެބައިމީހުން އިސްލާމްވެއްޖެކަމުގައި ދަންނަވައި އެމީހުންގެ ރަށުގައި ހުރި ލާތަ އޭ ކިޔުނު ބޮޑު ބުދު ތަޅާލީ ވެސް ރޯދަ މަހެއްގައެވެ. ޖަމާއަތެއްގެ މައްޗަށް އަލީގެފާނު ވެރިކުރައްވާފައި ޔަމަންކަރައަށް މާތް ނަބިއްޔާ ފޮނުއްވީ ވެސް ރޯދަމަހެއްގަ އެވެ.
އިސްލާމީ ތާރީހުގެ ކުރީކޮޅުން ފެށިގެން އިސްލާމީ ތާރީޚްގެ ގޯލްޑަން އޭޖާއި އޭގެ ފަހަށް އައި އަހަރުތަކާ ހަމައަށް ބެއްޔަސް ދާދި މިފަހަކާ ޖެހެންދެން މީގެ އެތައް މިސާލެއް ފެންނާނެއެވެ. ޕާޝިއަނުންގެ މައްޗަށް މުސްލިމުން ފަތަހަ ހޯދި ޤާދިސިއްޔާ ހަނގުރާމަ ހިނގީ ހިޖުރައިން ފަނަރަ ވަނަ އަހަރުގެ ރޯދަ މަހުގައެވެ. މުސްލިމުން އަންދަލުސް ފަތަހަކުރީ ވެސް ރޯދަ މަހެއްގަ އެވެ.
އޭގެ ފަހަށް، މިހާރުގެ ސްޕެއިން އަދި ޕޯޗްގަލް ގެ ސަރަހައްދުތަކުގައި ހިނގި އެންމެ ބޮޑެތި ހަނގުރާމަތަކުގެ ތެރޭގައި ލިބުނު ބޮޑެތި ކާމިޔާބީތައް ވެސް މުސްލިމުން ހޯދީ ރޯދަމަހުގައެވެ. މީގެ އެއް މިސާލަކީ ހިޖުރައިން 479 ވަނަ އަހަރު ޔޫސުފް ތާޝްފީންގެ ކޮމާންޑަރުކަމުގެ ދަށުން އަށްޑިހަހާސް މީހުންގެ ބޮޑު ލަޝްކަރެއް މުސްލިމުން ބަލިކުރުމެވެ.
ހިޖުރައިން 658 ވަނަ އަހަރު ހިނގާދިޔަ މަޝްހޫރު ޢައިނު ޖާލޫތު ހަނގުރާމަ ހިނގީ ވެސް އެ އަހަރުގެ ރޯދަމަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެންނެވެ. ސުލްޠާން ޤުޠުޒުގެ ކޮމާންޑަރުކަމުގައި މުގޯލުންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. ޞަލާޙުއްދީނުލްއައްޔޫބީ ސަލީބީންނާ ދެކޮޅަށް ކުރި ގިނަ ހަނގުރާމަތައް ވެސް ރޯދަ މަހާ ދިމާވެފައިވަނީ މަދެއްކޮށެއް ނޫނެވެ.
ކޮންމެއަކަސް މިއީ އަދި އާދައިގެ މަސައްކަތްތެރިކަމާއި ދަނޑުވެރިކަން އެހެންނާ ޓައީ އަޅައިން ފިނި ކޮޓަރީގައި ކުރާ ބާވަތުގެ މަސައްކަތްތަކެއްގެ ވާހަކައެއް ނޫނެވެ. އަނިޔާ ލިބޭ މީހުންނަށް ނަސްރުދިނުމާއި މުސްލިމުންނަށް އަންނަ އަދާވާތްތައް މަތަކޮށް، ދީނީ ދައުވަތު ފެތުރުމުގެ މިނިވަންކަން ހޯދުމަށް މުސްލިމުން ކުރި ބުރަ މަސައްކަތްތަކުގެ ވާހަކައެވެ. ބޮޑެތި ބޮޑެތި ހަނގުރާމަތަކުގެ ވާހަކައެވެ. ނަސްރާއި ފަތަހަ ހޯދުމަށް މާތް ﷲ ގެ މަގުގައި ޖާނާއި މާލާއި ފުރާނައިން ގުރުބާންވުމުގެ އިސްލާމީ ބޮޑެތި ހިދުމަތްތަކުގެ ވާހަކައެވެ.
އަހަރެމެންގެ އިސްލާމީ ކާބަފައިންނަށް އިސްލާމްދީން ވިސްނިފައި އޮތީ މިހެންނެވެ. އެކަމަކު އަހަރެމެންގެ މިހާރުގެ މުސްލިމުން އިސްލާމްދީނަށް އުޅުންކަމުގައި ހަދާފައި މިވަނީ، ރޯދަމަހެއް އައިސްފިތަ އަތްއުރާލައިގެން މަސައްކަތެއް ނުކޮށް ތިބުމެވެ. އަދި އިސްލާމީ ދައުލަތްތަކުގެ ސަރުކާރުތަކުންވެސް ފެންނަނީ މިކަންކަމަށް ހިތްވަރުދީ ތަރުހީބު ދޭ ތަނެވެ. ބައެއް ގައުމުތަކުގައި ފަހު ދިހަ އެކީގައި ބަންދުކުރެއެވެ. ދީންވެރިކަމުގެ ނަމުގައެވެ. އަޅުކަންކުރުމަށް ބާރުއެޅުމުގެ ނަމުގައެވެ. ބައިތުލްމާލުން ނެގޭ މުސާރައިގެ ބަދަލަށް ތިމާމެންގެ ބޮލުގައި އެޅިފައި އޮންނަ ދީނީ އަދި ދުނިޔަވީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެއީ ނެތް އެއްޗެއް ފަދައެވެ.
މާތް ﷲ އަށް ހިތްނިޔަތް ހާލިސްކޮށްގެން ގައުމުގެ ހިދުމަތުގައި އަދާކުރާ ކޮންމެ ހިދުމަތަކީ އަޅުކަމެކެވެ. މުޖުތަމައުގެ ލާބަޔާއި ފައިދާއަށް ކުރެވޭ ރަނގަޅު ހަމަ ކޮންމެ ކަމަކީ ދެއްކުންތެރިކަމުން އެއްކިބާވެ ހިތްނިޔަތް ހާލިސްކޮށްފި ނަމަ އަޅުކަމެކެވެ.
މިލިޔުމުގައި އިސްވެދިޔަ އިސްލާމީ ތާރީހުގެ އަލިގަދަ ސަފުހާތަކުން އަހަރެމެންގެ އިސްލާމީ ކާބަފައިން ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށް ހަދާފައިވަނީ ދިރިއުޅުމުގެ އާންމު ވާޖިބުތަކާއި މަސައްކަތްތަކުން އަތްއުރާލުމެއް ނެތި، ރޯދަމަހަކީ ޗުއްޓީގެ މައްސަރަކަށް ހަދައިގެން ނޫންކަން އެހެރީ ރަންއަކުރުން ލިޔެވި ފެންނާށެވެ.
ޗުއްޓީގެ މައްސަރެއް ނޫނެވެ. އަޅުކަމުގެ މައްސަރެވެ. ޗުއްޓީގެ މައްސަރެއް ނޫނެވެ. އަޅުކަމުގެ މައްސަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ