ޑޮލަރު މާރުކުރުމުގެ ސިޔާސަތު ކާމިޔާބު ކަމަށް ރައީސް ވިދާޅުވިޔަސް ކަޅު ބާޒާރަށް ބަދަލެއް ނާދޭ! ޑޮލަރު މާރުކުރުމުގެ ސިޔާސަތު ކާމިޔާބު ކަމަށް ރައީސް ވިދާޅުވިޔަސް ކަޅު ބާޒާރަށް ބަދަލެއް ނާދޭ!

ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން މިހާތަަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމާއި އެ ސިޔާސަތުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ޑޮލަރުގެ ކަޅު ބާޒާރަށް އެއްވެސް ބަދަލެއް ނާދެ އެވެ.
އެމެރިކާ ޑޮލަރު ވިއްކާ ރަސްމީ ރޭޓެއްގެ ގޮތުގައި އެމްއެމްއޭއިން 15.42ރ. ކަނޑައަޅާފައި ވިޔަސް، އެމްއެމްއޭއަށް ވެސް އެނގިގެން ހިނގާ ކަޅު ބާޒާާރުގައި މިހާރު ވެސް ޑޮލަރު ރޭޓު އުޅެނީ 19ރ. އިން މަތީގަ އެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.
"އޭރު ވެސް މިކަން މިގޮތަށް ވާނެކަން އެނގޭ. ޑޮލަރު މާރުކޮށްގެން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ހޯދަން ލުޔެއް ލިބިދާނެ. ނަމަވެސް ކުރިން ވެސް އާންމު މީހާ އަށް ބޮޑު އަގުގައި ޑޮލަރު ލިބެނީ. މިހާރު އާންމު މީހާ އަށް ކުދި ވިޔަފާރިތަކަށް ޑޮލަރު ލިބުމަށް ވީ އިތުރު ދަތިކަމެއް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
އެހެން ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެސް ޑޮލަރުގެ އަގު ދަށް ނުވާނެ ކަމަށާއި، ދުވަހެއް ދުވަހަކަށް ދާނީ މަތިވަމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ރައީސް އޮފީހުން އަލަށް ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ނިިމިގެން ދިޔަ ހަފުތާގައި ރައީސް މުއިއްޒު ވިދާޅުވީ, ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ޓޫރިޒަމް ދާއިރާއިން މާރުކޮށްފައި ވާއިރު، އެއީ ކުރިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ގުޅިގެން ދެއްކެވި ވާހަކައިގައި ރައީސް ވަނީ މި ސިޔާސަތުގެ ކާމިޔާބީ ފާހަގަކުރައްވަމުން, އެ ސިޔާސަތަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބެމުންދާކަމަށް ވިދާޅުވެފަ އެވެ.
"މި ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ 95 އިންސައްތަ މި ގާނޫނާ އެއް ގޮތަށް އެބަ ޑޮލަރު މާރުކުރޭ. ދެން ބާކީ ފަސް އިންސައްތަ ވެސް އިރާދަކުރެއްވިޔާމުން, އަޅުގަނޑުމެން އެ ހަމަ ގާނޫނު ތަންފީޒުކުރާނަން." އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިން އިއުލާންކޮށްފައިވާ ތާރީހުތަކަށް, ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް މިހާރު ލިބޭ 500 ޑޮލަރު, 1000 ޑޮލަރަށް އިތުރުކުރުމާއި ކްރެޑިޓު ކާޑު ލިމިޓު ދެ ގުނަ ބޮޑުކުރުމާއި ޓީޓީއަށް ލިބޭ ޑޮލަރު ސަޕޯޓުގެ އަދަދު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ