އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް މުހައްމަދު މުއިއްޒު ލިވަޕޫލްއަށް މިރޭ ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ލިވަޕޫލް އެފްސީގެ 'އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު'ގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމްއެމްޕީއާރުސީން އެކަން މިދިޔަ 13 މާޗުގައި ވަނީ އިއުލާންކޮށްފަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ތިން އަހަރާއި ހަ މަސްދުވަހަށް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކެމްޕޭނެއްގެ ފެށުމެވެ.
ތަފްސީލް - ރައީސް އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭ އާއި އެލްއެފްސީ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެ އާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތް ގުޅިގެން ހަރަކާތްތައް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެނގުން މުހިއްމު - ލިވަޕޫލް ޕާޓްނާޝިޕްގެ ދަށުން ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް ފަށައިފަ އެވެ. ތިން މަސް ދުވަހުގެ މި ހަރަކާތުގައި އެ ގައުމުގެ މުހިންމު ތަންތަނުގައި އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެ އެވެ.
މި ކެމްޕެއިނަށް ހާއްސަކޮށް ބްރޭންޑްކޮށްފައިވާ 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކާއި ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނިގޮތުގައި:
ރައީސް އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވޭ
އެ ޒިޔާރަތުގެ ބޭނުމަކީ ރާއްޖޭގައި ވެސް ހައި ޕާފޯމަންސް ޓްރެއިނިން ނުވަތަ މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދެއްވުން
އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ރައީސް ބައްދަލުކުރައްވާނެ
ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި ލީޑްސް ސިޓީގެ ކައުންސިލަރާ ވެސް ބައްދަލުކުރައްވާނެ
އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ:
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއު
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ
ސަރުކާރުގެ ކަމާބެހޭ ބައެއް އިސްވެރިން
ލިވަޕޫލްއާ އެކު ރާއްޖެ ޕްރޮމޯޓުކުރުމުގެ ކެމްޕޭން ފެއްޓެވުމަށް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ