އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ, ޓީމު ލިވަޕޫލް އެފްސީ ގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ލިވަޕޫލްގެ ސީއީއޯގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި ރައީސް ޔޫކޭ އަށް ފުރާވަޑައިގެންނެވީ މިރޭ ކަމަށެވެ. މާޗު 13، ގައި އިއުލާނުކުރި އެއްބަސްވުމުގެ ދަށުން ލިވަޕޫލާ ގުޅިގެން ރާއްޖެ އިސްތިހާރުކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީން މި ކެމްޕޭން ކުރިއަށް ގެންދާނީ ތިން އަހަރާއި ހަ މަސްދުވަހަށް ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން މަހުގެ އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެ އެވެ. އެގޮތުން ބްރޭންޑްކުރެވިފައިވާ 100 އަށް ވުރެ ގިނަ ޓެކްސީ އަދި ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި، މާދަމާ ރޭ ލިވަޕޫލުގެ ދަނޑުގައި އެވަޓަން އާ ދެކޮޅަށް ކުޅޭ ލީގު މެޗަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު އަކީ ލިވަޕޫލް އާ އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑު ސަޕޯޓަރެއް ކަމަށް މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ދަތުރުގައި ރައީސް އާއެކު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއު, އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ދަތުރުގެ ތެރެއިން ވަޒީރުން، ރެޑް ވޭއާ އަދި ލިވަޕޫލުގެ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް އަދި ރާއްޖެ އިޝްތިހާރުކުރުމަށް ވެފައިވާ އެއްބަސްވުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރާނެ ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން އިތުރަށް ބުނީ ރައީސްގެ ދަތުރުގެ ތެރެއިން އެމަނިކުފާނު ލިވަޕޫލުގެ އަކްސާ ޓްރެއިނިން ފެސިލީޓއަށް ޒިޔާރަތްކުރައްވާ މަތީ ފެންވަރުގެ ފުޓްބޯޅައިގެ ތަމްރީނުތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވާނެ އެވެ. މިކަމުގެ އަމާޒަކީ ރާއްޖޭގައި މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް އަދި އެމަނިކުފާނާ އެކު ވަޑައިގެންނެވި ވަފުދު އެނބުރި ރާއްޖެ އަންނަނާނީ މި މަހު 5، ގަ އެވެ.
ލިވަޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރާ ހަރަކާތްތައް ފެށުމަށް ރައީސް އިނގިރޭސިވިލާތަށް ލިވަޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރާ ހަރަކާތްތައް ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ