އީދުގެ އުފަލުގައި ޖަމާވި މީހުންތަކުން ހުޅުމާލެ ފުރުނު ރެއެއް

މާލެ ސަރަހައްދުގައި އޮތް އެންމެ ރީތި އަދި އެންމެ ބޮޑު ޕާކް، ހުޅުމާލޭ ސެންޓްރަލް ޕާކަށް ދޭތެރެ ދޭތެރެއިން އަންނަ ފޯރިގަނޑުގައި ރެއަކީ ވެސް ބޮޑު ރެއެކެވެ. ފިތުރު އީދު ނުވަތަ ކުޑަ އީދު ފާހަގަކުރަން އިއްޔެ ހަވީރު 4:00 އިން ފެށިގެން އެ ޕާކްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.
އޭގެ ނަތީޖާއަކީ ރޭ ވަރަށް ދަންވަންދެން ވެސް ހުޅުމާލޭގައި ވެހިކަލްތައް ގިނަވުމާއި ރެސްޓޯރެންޓް/ކެފޭތައް ފުރި ބަންޑުންވުމެވެ.
މުސްލިމުންގެ ދެ އީދު ވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރެ އެވެ. ހާއްސަކޮށް މި ސަރުކާރުގެ އެއް ސިޔާސަތުގެ ތެރޭގައި ދެ އީދު ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގެ މަގުތަކާއި ޕާކްތައް އޮންނަނީ ކުލަ ބޮކިތަކުން ދިއްލައިފަ އެވެ.
އެޗުޑީސީން ސެންޓްރަލް ޕާކަށް ވެސް އެ ރީތިކަން ގެނަ އެވެ. އެކި ޑިޒައިންތަކުގެ ދިއްލުންތަކުން ޕާކަށް ކުލަކުލައިގެ ދިރުން އައުމުގެ ކުރިން ހަވީރު އޮތީ ކުޑަކުދިންނަށް އެކި ކުޅިވަރުތަކެވެ. ބައެއް އާންމުން ކުދިކުދި ހަދިޔާ ވެސް ބަހަމުން ގެންދިޔަ އެވެ.
އެއްވި ގިނަ މީހުންގެ އަދަދު އެތައް ހާހަކުން އިތުރުވީ ރޭ އޮތް ޑްރޯން ޝޯ އާއި 9 ޖެހުމާ އެކު ތިން މިނިޓަށް ކުރިއަށް ގެންދިޔަ ހަވާއެރުވުން ބަލާށެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ އާއިލާތައް މިސްރާބު ޖެހީ ރޭގަނޑުގެ ކެއުމަށެވެ. އަނެއް ބަޔަކު މާލެ ދިއުމަށެވެ. އެހާ ހިސާބުން ހުޅުމާލޭގެ ބޮޑެތި މަގުތައް ފުރި، ޓްރެފިކަށް ބުރޫއެރި އެވެ.
ހުޅުމާލޭގެ ގިނަ ރެސްޓޯރެންޓްތަކުން ރޭ ޖާގަ ހޯދަން ވަރަށް އުނދަގޫވި އެވެ. މަޝްހޫރު ބައެއް ރެސްޓޯރެންޓްތަކުން މޭޒެއް ހޯދަން އެތައް އިރެއް، ބައެއް މީހުން ހޭދަކުރި އެވެ. އަނެއް ބަޔަކު މަސައްކަތްކުރީ ހަމަޖެހިލައިގެން ތިބެވެންޏާ ކޮންމެ ތަނެއް ވެސް ފުދޭކަމަށް ބަލައިގެން، ޖާގައެއް އޮތް ތަނެއްގައި އިށީނދެލާށެވެ.
މިކަހަލަ ދުވަހެއްގައި އަބަދުވެސް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ މާލެ ދާނެ ކާރެއް ހޯދާށެވެ. ރޭ 12 ޖެހިއިރު ވެސް ވަރަށް ގިނަ ބަޔަކު ތިބީ ކާރެއް އަތުނުޖެހި، މަގުމަތީގެ އެކި ހިސާބުތަކުގައި އަތް އުފުލައުފުލަ އެވެ. ޓެކްސީގެ އެޕްތަކުންނާއި ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ވެސް ވެހިކަލެއް ނުލިބުމުން، ދެން އޮންނާނީ މަގުމަތިން ހުސް ކާރެއް ލިބޭތޯ އިންތިޒާރުކުރުމެވެ.
މިއީ މިކަހަލަ އުފާވެރި، ހަރަކާތްތައް ގިނަ ދުވަސްދުވަހު ހުޅުމާލެއަށް އަންނަ ފޯރިއެކެވެ. ޔަގީނުން ވެސް ރޭ ވާނީ ހުޅުމާލޭގެ ރެސްޓޯރެންޓް/ކެފޭތަކަށް މި ފަހުން އެންމެ ވިޔަފާރި ރަނގަޅުވި ރެއަށެވެ.
އީދު ބަންދު މި ހަފުތާއަށް ދެމިގެންދާނެތީ އަދިވެސް ހުޅުމާލެއަށް ރޭގަނޑު ކުރިއަށް ވުރެ ބާރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މާލޭގައި ދިރިއުޅޭ އެތައް ބަޔަކު މިކަހަލަ ޗުއްޓީތަކުގައި އާއިލާއާ އެކު ހަވީރާއި ރޭގަނޑު ހުޅުމާލޭގެ ހިތްގައިމު ސަރަހައްދުތަކުގައި ހޭދަކޮށްލަން ސަމާލުކަން ދެ އެވެ. އެހެންކަމުން ރެސްޓޯރެންޓް/ކެފޭގެ ވިޔަފާރިތަކަށް އާންމު ދުވަސްތަކަށް ވުރެ ބޮޑު ތޮއްޖެހުންތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ