ފެންނަނީ އިސްރާއިލުގެ ސަރުކާރުން އަމަލުކުރާހެން 4،000 މީހުންގެ ގެދޮރު ނިގުޅައިގަންނަތަން: ޝާހިދު

ފެންނަނީ އިސްރާއިލުގެ ސަރުކާރުން އަމަލުކުރާހެން 4،000 މީހުންގެ ގެދޮރު ސަރުކާރުން ނިގުޅައިގަންނަތަން ކަމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓެއް އެ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައި ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވިއެވެ. އެއަށްފަހު މި ސަރުކާރުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ފުލެޓު ދިނުމުގެ ހުއްދަ ދިނުމުން ހައުސިން މިނިސްޓްރީން ނިންމީ އަލުން ފޯމުތައް ބެލުމަށެވެ. އެ މަސައްކަތް ދިގު ދެމިގެންގޮސް، ފުލެޓު ލިސްޓު ނެރެވޭ ވަރުވީ މިދިޔަ މަހުގެ 27ގައެވެ. އެ ލިސްޓު ނެރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން އަލުން ބަލައިފައިވަނީ 4،939 މީހެއްގެ ފޯމު ކަމަށެވެ. އެ ލިސްޓު ނެރުމާ އެކު އެމްޑީޕީން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ހުޅުމާލެގައި އިމާރާތްކުރާ 4،000 ފުލެޓުތައް ---- ސަން ފޮޓޯ/ އަޙުމަދު މާނިއު https://www.facebook.com/share/v/1EBVzRxTiv/ މިއަދު ޝާހިދު ވަނީ، 4،000 ފުލެޓާ ގުޅޭގޮތުން ވާހަކަދައްކައްވާފައެވެ. އެގޮތުން، ސަރުކާރުން 4،000 ފުލެޓު ލިބޭ މީހުން ކަނޑައަޅާފައިވާއިރު، އެ ހައްގު އެ މީހުންނަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެއީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަޅުގަނޑުމެނަށް މިހާރު މި ފެނިގެންދަނީ އިސްރާއިލްގެ ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތަށް އަޅުގަނޑުމެންގެ ރައްޔިތުންގެ 4،000 މީހުންގެ ހައްގުތައް، އެ މީހުންގެ ބޯހިޔާވަހިކަން، އެ މީހުންގެ ގެދޮރު ނިގުޅައިގަންނަތަން. ރަމަޟާން މަހާ ދިމާކޮށް، ރަމަޟާން މަހަށް ހަނދުބެލިރޭ، އިސްރާއިލްގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ އަމަލުކުރާ ގޮތަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 4،000 ފުލެޓު އެ ނިގުޅައިގަތީއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި ޝާހިދު ވަނީ، މި ސަރުކާރަކީ އިސްރާއިލްގެ ސަރުކާރެކޭ އެއްވަރަށް އަނިޔާވެރި ސަރުކާރެއް ކަމުގައި ފެންނަ ކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ބާރުގެ ބޭނުންކޮށްގެން 4،000 މީހުން 'މަގުމަތި' ކޮށްލީ ކަމަށެވެ. އެއާއެކު، ޝާހިދު ވަނީ ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ސަރުކާރުން އެނބުރުމަށް ގޮވާލައްވާފައެވެ. އަދި، ގާނޫނުގައި އެފަދަ ކަންކަމާ ގުޅުވައި އޮންނަ މާއްދާއެއްގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓުތައް ---- ސަންފޮޓޯ/ އަހުމަދު މާނިއު އެގޮތުން، ގާނޫނު އަސާސީ 49 މާއްދާގެ (ށ)އާ ހަވާލާދީ ޝާހިދު ވިދާޅުވީ، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި، އާންމުވެގެންވާ ފައިދާއަކަށް ޓަކައި، އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ކުރެވޭނީ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ކޯޓުގެ ޙުކުމަކުން އަދުލުވެރި ބަދަލެއް ދިނުމަށް ފަހުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. ފުލެޓު ލިސްޓު ނެރުނު ދުވަހު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ. އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15ގެ ނިޔަލަށް މިއަދު ހައުސިން މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ