ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަޖިލީހުންގެ ނައިބު ރައީސްގެ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނާޒިމު ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެފަދަ ގަރާރަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން މެންބަރުންނަށް 50 މިނެޓް އަދި ޖަވާބުދާރީވުމަށް ނާޒިމަށް ދޭން ނިންމީ 10 މިނެޓެވެ.
ނާޒިމު މަގާމުން ވަކިކުރަން ޕީއެންސީން ހުށަހެޅީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިގެންނެވެ. ނާޒިމް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި، ވަކި ފަރާތަކަށް ޖެހި ފިތުނަ އުފެދޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދެވުމާއި، މަޖިލީހުގެ މަސައްކަތްތަކުގައި ސިޔާސީ ގޮތުން ތައައްސުބުވެ، މަޖިލީހުގެ އާންމު މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ، މަގާމުގެ ވާޖިބުތަކަށް އިހުމާލުވެފައިވާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ، މަޖިލީހުގެ ރައީސެވެ.
އަދި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން އެ ގަރާރު ފާސްވުމުން ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ނާޒިމް މަގާމުން ވަކި ކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ