މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނުކަމުގެ ކުށް ސާބިތުކޮށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދުގެ ތުހުމަތުތައް ދޮގުކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަކީ އޭނާ ފްރޭމް ކުރުމަށް އުފެއްދި ކަންތައްތަކެއް ކަމަށް ތުހުމަތުކޮށް އޭނާ ދެއްކެވި ވާހަކައަށް ރައްދުދީ ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ އެއްވެސް ފަރާތެއް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކަމަށެވެ.
"މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެތުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތަީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ތުހުމަތުތަކެކެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އަދި، އެ މައްސަލައިގެ ތަހުގީގުގައި ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް، ތަހުގީގަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ހޯމް މިނިސްޓަރު އިހުސާން އިސްވެ ހުންނަވައި އޭނާ ފްރޭމްކުރަން އުފެއްދި ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ރައީސަށް ދެންނެވުމުން މި މައްސަލަ ކުރިމަތިވިކަން ފާހަގަކުރައްވައި، މި ސަރުކާރު ވަގުތުން ބަދަލުކުރަންޖެހޭ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
އޭގެ އިތުރުން، ފުލުހުންގެ އެ ބަޔާނުގައި ވަނީ ޝަމްއާންގެ ތަހުގީގުގެ ބައެއް މައުލޫމާތު ހާމަކޮށްފަ އެވެ.
ޝަމްއާން ހިންގި ކަމަށް ކޯޓުން ސާބިތުކޮށްފައިވާ އަމަލު ރޭވުނު ހިސާބުން ފެށިގެން އެ ކުށް ކުރުމާ ދެމެދު ހިނގި ހުރިހާ ކަމެއް ޝަމްއާންއަށް އެނގޭކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުނު ދުވަހުގެ އެއް ހަފުތާ ކުރިން ޝަމްއާންގެ އޮފީހުގައި އެކަމާ ބެހޭ މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ އެ މައުލޫމާތު ޝަމްއާންއަށް ދީފައިވާ ކަމަށާއި އެއަށްފަހު އޭގެ ތެރެއިން ބިދޭސީއަކު ދޫކޮށްލުމުގެ މަސައްކަތް ފެށި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި، އެ ބިދޭސީ މީހާގެ ސްޕޮންސަރުގެ ނަމުގައި އީމެއިލްއެއް އިމިގްރޭޝަންއަށް ލިބުމާއެކު އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އެ މީހާ ދޫކޮށްލުމުގެ މަސައްކަތް އަވަސް ކުރުމަށް ޝަމްއާން އިރުޝާދު ދީފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު މި މައްސަލައިގައި ތުހުމަތު ކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރި އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
"މި ދަތުރުގެ ތެރޭގައި އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ. އަދި އެ ފައިސާގެ އަދަދު ކަށަވަރު ކުރުމަށް މުހައްމަދު ޝަމްއާން ވަހީދާ ގުޅާފައިވާކަން ވެސް ވަނީ އެނގިފަ އެވެ."
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ފްރޭމްކުރި ކަމަށް ބުނެ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ކުރި ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ. މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ރައްޔިތުންނަށް ހާމަކުރުމަށް މިނިސްޓަރު މިހާރު ވަނީ ފުލުހުންގެ މުއައްސަސާއަށް އަންގަވާފައެވެ.
ފުލުހުން ބުނީ އެ ބިދޭސީ މީހާގެ އަތުން ބަދަލެއްގެ ގޮތުގައި ނަގަން އެއްބަސްވީ އަދަދަކީ 500،000ރ. ކަމަށެވެ.
އޭގެ ފަހުން އެ ވެހިކަލް ޕާކު ކޮށްފައި އިމިގްރޭޝަންގެ އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝަމްއާން ދިއިރުޅޭ ގެއަށް ދިޔަ ކަމަށާއި އެ މީހުން އެ ގެއަށް ވަނީ އެ ރޭ ދަންވަރު 3:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭރު އެ މީހުންގެ އަތުގައި ފައިސާ ހުރި ކޮތަޅު އޮތް ކަމަށް ފުލުހުން ބުންޏެވެ.
އަދި، އޭގެ ގާތްގަނޑަކަށް ތިން މިނިޓެއްހާއިރު ކުރިން، އެ މީހުން އެ ގެއިން ނުކުތްއިރު އެ މީހުންގެ އަތުގައި އެ ކޮތަޅު ނެތް ކަމަށާއި އެއާ ޖެހިގެން އައި ދުވަހު ޝަމްއާންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓަށް 259،837.35ރ. ޖަމާކުރިކަން ވެސް ތަހުގީގަށް ހޯދުނު ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ޝަމްއާންގެ ތުހުމަތުތައް ދޮގުކޮށް ފުލުހުން ބުނީ ތަހުގީގު ކުރިއަށް ގެންދިޔައީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ