ދިއްގަރުގައި ފާނަބަސަނދު ފެތުރެނީ، މި ވަގުތުވެސް ބަލި ޖެހިފައިވާ 20 މީހުން

މ. ދިއްގަރުގައި ފާނަބަސަނދު ފެތުރެމުން އެބަ ދާ ކަމަށާއި، މި ވަގުތު ވެސް ބަލި ޖެހިފައިވާ 20 މީހުން އެބަތިބި ކަމަށް، އެ ރަށު ކައުންސިލުން ބުނެފިއެވެ. 'ސަން'އަށް މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލުގެ ނައިބު ރައީސް ޢަބްދުالله ޢާރިފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިއްގަރުގައި 25 މީހަކަށް މި ފަހުން ފާނަބަސަނދު ޖެހިފައިވާ ކަމަށެވެ. މިހާރު އެ ބަލިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދަކީ 20 ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް، ޢާރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ރަށުގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. "[އެގޮތުން] މާސްކް އެޅުމާއި އެއްވެ އުޅުންތައް މަޑުޖައްސައިލުން، މިގޮތަށް މި މަސައްކަތްކުރަނީ،" ޢާރިފް ވިދާޅުވިއެވެ. ދިއްގަރުގައި ފާނަބަސަންދު ފެތުރުނީ ނިމިދިޔަ އަޟްޙާ ޢީދުގެ ބަންދަށް ފަހުގައެވެ. ފާނަބަސަންދުގެ އަލާމާތްތަކުގެ ތެރޭ ހިމެނެނީ: ހުންއައުން ވަރުދެރަވުން ނޭފަތުން ފެންއައުން ހަމުގައި ބިހިތަކެއް ނެގުން އެޗްޕީއޭއިން ބުނީ، ފާނަބަސަންދު ޖެހިފައިވާ މީހެއްގެ ގައިގައި ނަގާ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވާނެ ކަމަށެވެ. އެ ބިހިތަކަކީ ވަރަށް ހިރުވާ، ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ދެތިން ދުވަސް ތެރޭގައި ހަށިގަނޑުގެ އެކި ތަންތާ ފެންބިހި ނަގާނެ ކަމަށް މައުލޫމާތުދިނެވެ. ފާނަބަސަންދު ފެތުރޭ ގޮތްތައް: ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު ނޭވާލާ ނިޒާމުގެ ޒަރީއާއިން ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ