ރިޔާސީ އިންތިހާބު 2008 އަޅުގަނޑު ބޭނުންވަނީ ނަތީޖާ ދައްކާ ގޮތަށް ވަރަށް ސުލްހަވެރިކޮށް ކަންކަން ނިމިގެންދާން: ރައީސް

އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކާމިޔާބު ހޯއްދެވުމާ ގުޅިގެން ބޭނުންފުޅުވަނީ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތަށް، ރީތިކޮށް، އޮމާންކޮށް ވަރަށް ސުލްހަވެރިކޮށް ކަންކަން ނިމިގެންދިއުމަށް ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ނޮވެމްބަރު 11 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ނަޝީދާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް މައުމޫން ވިދާޅުވީ އެއް ސަރުކާރަކުން އަނެއް ސަރުކާރަށް ބާރު ބަދަލުކުރުމުގެ މަސައްކަތް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް އެ ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިން. ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އަޅުގަނޑު ދެންނެވިން އިންތިހާބުގެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމޭ. އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތަށް މަރުހަބާ އާއި ތަހުނިއްޔާ ދަންނަވައިފީމޭ. އަދި އަޅުގަނޑު ބޭނުންވަނީ ވަރަށް އޮމާންކޮށް ރީތިކޮށް މިކަން ގެންދާށޭ. ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި. ހުރިހާ ބޭފުޅުން ވެސް ބޭނުންފުޅު ވަނީ މި ޓްރާންސިޝަން ނުވަތަ އެއްބައެއްގެ ކިބައިން އަނެއް ބަޔަކަށް ބާރު ބަދަލުވާ ބަދަލުވުން ސަރުކާރު ބަދަލުވާ ބަދަލުވުން، ވަރަށް އޮމާންކޮށް ގެންދަން. ދިވެހި ރައްޔިތުން ވެސް މިކަން މި ގޮތަށް ބަލައި ގެންނެވުން،" އިންތިހާބުގައި ހޯއްދެވި ކާމިޔާބީ އަށް ފަހު ނަޝީދާއި ރައީސް މައުމޫން އެކުގައި ތިއްބަވައިގެން ފުރަތަމަ ފަހަރަށް ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ. "ދެން މި ފުރުސަތުގައި އަޅުގަނޑުގެ ޕާޓީގެ ހުރިހާ މެމްބަރުންނަށް، ޑީއާރުޕީގެ ހުރިހާ މެމްބަރުންނަށާއި ހަރަކާތްތެރިންނަށް އިލްތިމާސްކުރަން ބޭނުންވަނީ ތިޔަ ހުރިހާ ބޭފުޅުން ވެސް ވަރަށް އޮމާން ވަރަށް އަމާންކޮށް ތިއްބެވުމަށް. އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް ތިޔަ ބޭފުޅުންގެ ފަރާތުން ފެނިގެން ދިޔަ ނުދިއުމަށް. އަޅުގަނޑު ވެސް އަދި އަންނި ވެސް ބޭނުމެއް ނޫން އަޅުގަނޑުމެން މި ސަރުކާރު ބަދަލުވާ ބަދަލުވުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ވެގެންދާ ކަމެއް ކަމަކަށް ވާކަށެއް."
ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ބަދަލުކުރުމުގެ ކަންތައްތަކުގަ އާއި އެހެނިހެން ކަންތައްތަކުގައި ވެސް ނަޝީދަށް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ނޮވެމްބަރު 11 އާ ހަމައަށް ވޭތުވެގެން މިދާ މުއްދަތުގައި ނަޝީދާ ވަރަށް ގިނައިން ބައްދަލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ ރާއްޖޭގެ ހަތަރު ވަނަ ރައީސް ކަމުގެ މަގާމާ އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދު ހަވާލުވެ ވަޑައިގަންނަވަންދެން އެމަނިކުފާނަށް ބޭނުންވާ ހިމާޔަތާއި ފަސޭހަތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެގޮތުން އޭނަ ހުންނަވާނެ ސަރުކާރުގެ ގެކޮޅެއްގެ ކަންތައްތައް މިހާރުއްސުރެން ފެށިގެން ހަމަޖައްސަވާނެ ކަމަށެވެ.
އެމްޑީޕީ އަށް ވެރިކަން ބަދަލުވެގެން ދިއުމާއެކު ރައީސް މައުމޫނުގެ ސިޔާސީ ކެރިއަރު ބިނާކުރައްވާނީ ކޮންގޮތަކަށްތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ޑީއާރުޕީގެ ޒައީމްގެ ގޮތުގައި ހުންނަން އެ ޕާޓީން ބޭނުންވެއްޖެ ނަމަ "އަޅުގަނޑު އަދިވެސް މި ހުރީ އެ މަގާމުގައި ހިދުމަތްކުރަން" ކަމަށާއި ޑީއާރުޕީ ވެގެންދާނީ އިދިކޮޅު ޕާޓީ އަށް ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ޖެހޭ ސިޔާސީ ހަޔާތުގެ ހަގީގަތްތައް. އަދި ހާއްސަކޮށް ދިމިގްރާތީ ނިޒާމުގެ ކަންތައް ވަމުންދާނެ ގޮތް. އަޅުގަނޑު އެގޮތް ފުރިހަމައަށް ގަބޫލުކުރަން. މިއީ ހަމަ ވެދާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއްބައި ފަހަރު މޮޅުވާނެ އަނެއްބައި ފަހަރު ބަލިވާނެ. އެހެންވީމަ އަޅުގަނޑު މިހިރީ އެކަން ގަބޫލުކޮށްގެން،" 1978 ގެ ނޮވެމްބަރު 11 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ މައުމޫން ވިދާޅުވި އެވެ.
އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ތަހުލީލުކުރެއްވުމަށް ފަހު ނޫނީ އެއްޗެއް ނުދެންނެވޭނެ ކަމަށާއި އެހެން ނަމަވެސް "މިއީ ހަމަ 30 އަހަރުގެ މައްސަލަ" ކަމަށާއި " 30 އަހަރު އޭގެ ޒާތުގައި ބައެއް މީހުންނަށް ބަލައިގަންނަން ދަތިވަނީ" ކަމަށެވެ.
"ވަރަށް ގިނަ ބަޔަކު ގަބޫލުކުރޭ އަޅުގަނޑު ކޮށްދިން ހިދުމަތް 30 އަހަރުގެ ތެރޭގައި. އެހެން ނަމަވެސް އޭގެ ފަހުން ދެން ކުރިމަތިލާއިރު މި މައްސަލަ ދިމާވަނީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެއީ ހެން ބޮޑު ސަބަބަކީ. އެ ނޫން އެހެން ސަބަބުތައް ވެސް ހުންނާނެ. އެކަން ދަންނަވަން އެނގޭނީ ތަންކޮޅެއް ބޮޑަށް ތަހުލީލުކޮށްލާފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ނޫސްވެރިއަކު އަންނި އަށް ކުރެއްވި ސުވާލެއްގެ ޖަވާބުގައި، ޕްރެސް ކޮންފަރެންސް ނިންމަވާލައްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އެއްވެސް އެކައުންޓެއްގައި ސަރުކާރުގެ ފައިސާއެއް ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑުގެ އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ސަރުކާރުގެ ލާރިއެއް. ތިޔަބޭފުޅުން ބައްލަވާށޭ. ކޮންމެތާކަށް ވަޑައިގެން ބެއްލެވިޔަސް ހެވޭ. އަޅުގަނޑަކީ ހިޔާނާތްތެރިއެއް ނޫނޭ. ވައްކަން ކުރާ މީހެއް ނޫނޭ. ދުވަހަކު ވެސް އަޅުގަނޑެއް ނޯންނާނޭ ސަރުކާރުގެ ފައިސާގައި ޖެހިފައެއް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ