ފަލަކީ ހިސާބަށް ބަލާއިރު އީދު ވާނީ އާދީއްތަ އަށް - ރައީސް މައުމޫން

ފަލަކީ ހިސާބުން ދައްކާގޮތުން ފިޠުރު ޢީދު ވާނީ އަންނަ އާދީއްތަ ދުވަހަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުން މިހިނގާ ރަމަޟާން ވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ޤަބޫލު ކުރެވިފައި އޮންނަނީ، ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 ކަމަށް. ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށް. ޢާންމުކޮށް ބަލާއިރު މިކަން ހިނގަނީ މިހެން. އެހެންނަމަވެސް، ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިދިގެން އަތުވެދާނެ. ނުވަތަ 30 ދުވަހުގެ ދެ މަސްވެސް ވިދިވިދިގެން އަތުވެދާނެއެވެ. މިފަހަރު މިވަނީ، އެހެން." މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެން ކަމަށެވެ. ނުވަތަ 30 ދުވަސް ހަމަވުމުން ކަމަށެވެ. އަދި ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ފަލަކީ ހިސާބުން ދައްކާ ގޮތުން، މިއަދު އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ގައުމުތަކަށް ހަނދު އޮއްސޭނެ ކަަމަށެވެ. އަދި ރާއްޖެއަށް ބަލާނަމަ، ރާއްޖޭގެ އެންމެ އުތުރަށް އެދުވަހު އިރު އޮއްސުމުގެ 12 މިނެޓު ކުރިން، މާލެއަށްވެސް އިރު އޮއްސުމުގެ 12 މިނެޓު ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް އެދުވަހު އިރު އޮއްސުމުގެ 11 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެެވެ.
"އެހެނިހެން އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭ. އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ 4 މިނެޓު ކުރިން ހަނދު އޮއްސޭ. އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭ" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، އެ ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ، މާދަމާ މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.
އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ (ފިޠުރު ޢީދު ވާނީ) މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ