ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއްރަޙީމް ޢަބުދުﷲގެ އެހީއެއް އަތޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ، ރައްކާތެރިވުމުގެ ސާމާނު ލ.އަތޮޅަށް ހަދިޔާ ކުރައްވައިފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި އަންގި އަދި ސެނިޓައިޒަރ ފަދަ ތަކެތި އެމަނިކުފާނު ހަދިޔާ ކުރައްވާފައިވަނީ ލ.އަތޮޅު އިޝްތިހާރުކުރުމުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމަށްވާ ވިޒިޓް ލާމް އެޓޯލް އަށެވެ.
އެ ޖަމްޢިއްޔާއިން މިރޭ ބުނެފައިވަނީ މި ދަތި އުދަނގޫ ދަނޑިވަޅުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއްރަޙީމް ޢަބުދުﷲ ވެދެއްވި ދީލަތި އެހީއަށް ޓަކައި ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރާ ކަމަށެވެ. ޢަބްދުއްރަޙީމް ވަނީ 3000 މާސްކާއި 1200 އަންގީގެ އިތުރުން 100 ފުޅި ސެނިޓައިޒާ ހަދިޔާ ކުރައްވާފައެވެ.
މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކަށާއި ފެނަކަ ބްރާންޗްތަކަށް ކަމަށް ވެސް ''ދެން'' އަށް މަޢުލޫމާތު ދެއްވަމުން އެ ޖަމްޢިއްޔާގެ ފައުންޑަރ މުޙައްމަދު އަރީޙް ބުނެފައިވެއެވެ. އޭނާ ބުނީ ކޭޕާކް ރެސިޑެންސް ޙަސަން މަމްދޫޙް (މަންޑޭ) ގެ އެހީ ވެސް ލިބިފައިވާ ކަމަށާއި އޭގެ އިތުރުން ރައްޔިތުންނަށް ހަދިޔާ ކުރުމަށް ޓަކައި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި ގުޅިގެން ފޮތި މާސްކް ފެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
މި ޙާލަތުގައި ވިޔަފާރިވެރިންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވެސް ދަނީ އެ މެމްބަރެއްގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމް ވެސް ވަނީ އެ ދާއިރާތަކަށް އެހީގެ ތަކެތި ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ