ޕީޕީއެމްގެ ރައީސަކީ އަޅުގަނޑު، ދަރުބާރު ފެކްޝަނަށް ހައިސިއްޔަތެއް ނެތް: މައުމޫން

ޕީޕީއެމްގެ ރައީސަކީ އެމަނިކްފާނުކަމަށާ ދަރުބާރު ފެކްޝަނަށް ހައިސިއްޔަތެއް ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް ރައީސް ޔާމީންގެ ފެކްޝަނުން ނިންމި ނިންމުމަށް ރައީސް މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިކަމަށް ފާޑުވިދާޅުވެފައިވަނީ ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކުރުމަށް އެދި ކައުންސިލަށް ހުށައެޅި ގަރާރަށް ތާއީދުކޮށް އެ މައްސަލަ ޕާޓީގެ ސުލޫކް ކޮމެޓީއަށް ފޮނުވަން ނިންމުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް ޔާމީންގެ ފެކްޝަނަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ދަރުބާރުގޭ ފެކްޝަނަކަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕާޓީން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅުން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމި ހުންނަވާނެކަމަށެވެ.
އަދި އެމަނިކްފާނަކީ ހަމައެކަނި އިންތިހާބު ކުރެވިފައިވާ ޕާޓީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރުކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކުރުމަށް އެދި ކައުންސިލަށް ހުށައެޅި ގަރާރަށް ތާއީދުކޮށް އެ މައްސަލަ ޕާޓީގެ ސުލޫކް ކޮމެޓީއަށް ފޮނުވަން ނިންމާފައިވާކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ އެއްވެސް މެންބަރަކު ވަކިކުރުމުގެ ބާރު ކައުންސިލަށް ލިބިގެންނުވެއެވެ.
ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް އެދި ސުލޫކީ ކޮމެޓީއަށް މައްސަލަ ފޮނުވިއިރު، މިއަދު ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލްވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ކޯޓް މެދުވެރިކޮށް ޕީޕީއެމްގެ ހިންގުން ހަވާލްކޮށްފައިވާ އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ