ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހޯދަން ފުލުހުން އިއުލާނުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާއި އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ސައުދު ހޯދުމަށް ފުލުހުން އިއުލާންކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށާއި އޭނާ ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިލާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ފުލުހުން ސައުދު ހައްޔަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފަ އެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައި ސައުދު ހައްޔަރުކުރި ނަމަވެސް ފަހުންވަނީ ދޫކޮށްލާފައެވެ.
ސައުދު، އަމީތު އަދި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، އެ މައްސަލަ އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅުއްވާފަ އެވެ. ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ