ގެއްލިގެން ހޯދާ ފުލުސް މީހާގެ ފޯން ފެނިއްޖެ

މަހަށް ނިކުމެ އުޅެނިކޮށް ރޭ ބަންޑުން ޖަހާލި ޑިންގިން ގެއްލިފައިވާ ފުލުސް މީހާގެ ފޯނު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ޑިންގީ ބަންޑުން ޖަހައިލި ސަރަހައްދު އިތުރަށް ބަލަމުން ދަނިކޮށް ގެއްލިގެން ހޯދާ ކޯޕްރަލް މުހައްމަދު ސުމެއިދުގެ ފޯނު ފެނިފައި ވަނީ ޝަންގްރިލާ ރިސޯޓު ކައިރީގައިވާ ފަޅު ކައިރިން ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ފެނިފައި ނުވެ އެވެ.
ހަތާވީސް އަހަރުގެ ސުމެއިދު ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު 7:30 އިން ފެށިގެން ހެލިކޮޕްޓަރު ހަރަކާތްތެރިވަމުންދާއިރު ކޯސްޓްގާޑްގެ ޑައިވިން ޓީމާއި ކޯސްޓްގާޑްގެ ހާބާ ކްރާފްޓް 108 އަދި ހަކުރާ ލޯންޗް ވެސް އޭނާ ހޯދުމުގެ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސުމައިދު ގެއްލުނު އިރު އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިއަކު އެބަހުއްޓެވެ. ފުލުހުންގެ ކަސްޓޯޑިއަލްގައި މަސައްކަތް ކުރި ސުމައިދު އައްޑޫއަށް ބަދަލު ކުރީ އޭނާގެ އެދުމުގެ މަތިން މިދިޔަ ނޮވެމްބަރު މަހު އެވެ. އޭނާގެ އަންހެނުންނަކީ ވެސް ފުލުހެކެވެ. ސުމައިދުއާ އެކު އޭނާގެ އަންހެނުން ވެސް މަސައްކަތް ކުރަމުން ދިޔައީ އައްޑޫ ޕޮލިސްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ