ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެކަމުގެ ޔަޤީންކަން ހައިކޮމިޝަނަރު ދެއްވައިފި: އެމްބީސީ

ތަރައްޤީގެ އެކި މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ބޭނުންވާކަމަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަކިލޭޝް މިޝްރާ ދެއްވައިފި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަކިލޭޝް މިޝްރާ އާއިއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން އިއްޔެ މަޝްވަރާކުރެއްވުމަށްފަހު ޢާންމުކުރެއްވި ޚަބަރުގައެވެ.
އެމްބީސީން ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ތަޖުރިބާ ހުރި ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވައި އެކަމާއި ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނާއި ގުޅިގެން، އިންޑިއާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދިވަޑައިގެން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު ހައިކޮމިޝަނަރ މިޝްރާ އާއި ޙިއްޞާކުރައްވައި ހުށަހަޅުއްވާފައި ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އިންޑިއާގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަށްދާގޮތް ދެނެގަނެ، މި ދާއިރާއިން ގުޅުންތައް ޤާއިމްކުރުމަށްޓަކައި ކޮމިޝަނުން އިންޑިއާއަށް ތަޖުރިބާގެ ދަތުރެއް ކުރުމަށްވެސް މި ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަމަށެވެ.
އެމްބީސީން ބުނީ މިބައްދަލު ކުރެއްވުމުގައި އިންޑިއާ ހައިކޮމިޝަނުން ރާއްޖެ އާއިމެދު ބަހައްޓަވާ ގާތް ކަމަށާއި. ޚާއްޞަކޮށް މީޑިއާ އަދި ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން އެމްބީސީން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެމްބީސީގެ އައު ދައުރުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރަން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ހައިކޮމިޝަނަރަށް މަޢުލޫމާތު ދެއްވައި އަދި ބްރޯޑްކާސްޓް ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ކޮމިޝަންގެ ރައީސް ވާހަކަފުޅު ދެއްކެވި ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
މިބައްދަލުވުމުގައި ހައިކޮމިޝަނަރ އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި ކޮމިޝަންގެ އައު ދައުރަކަށް ޢައްޔަނުކުރެއްވި މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވި ކަމަށާއި އަދި ރާއްޖެ ދަނީ ތަރައްޤީގެ މަގުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންކަން ފާހަގަކުރައްވައި ރާއްޖެއަކީ އުފެއްދުންތެރި ހީވާގި ރައްޔިތެއް އުޅޭ ޤައުމެއްކަމަށް ވިދާޅުވެ ތަޢުރީފުކުރެއްވި ކަމަށްވެސް އެމްބީސީން ވަނީ ހާމަކޮށްފައެވެ.
އެމްބީސީން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމަށް ހައިކޮމިޝަނަރ ވިދާޅުވި ކަމަށްވެސް އެމްބީސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ