މި މިނިވަންދުވަހަކީ، ފުރިހަމަ މިނިވަން ކަމެއް ގެ އާފެށުމެއް: މައުމޫން

ސިޔާސީ ހަލަބޮލިކަމަށްފަހު، ދިވެހި ގައުމާއި ބައްދަލުކުރި މި މިނިވަންދުވަހަކީ، ފުރިހަމަ މިނިވަން ކަމެއް ގެ އާފެށުމެއް ކަމުގައި ހެދުމަކީ ގައުމުގެ ވެރިކަންކުރާ ފަރާތާއި ރައްޔިތުންގެ މައި މަގުސަދަށް ހެދުން ވަރަށް މުހިންމުކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުއްގަައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަން ކަމަށް 54 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާންގައި ވިދާޅުވީ މި ލޮބުވެތި ވަތަނުގެ މިނިވަންކަމަށް 54 ވަނަ އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، މި ދިވެހި އުންމަތުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ދަނޑިވަޅެއްގައި އަލުން އަނބުރާ މިނިވަންކަން މި ދިވެހިރާއްޖެއަށް ލިބުމަށް މިންވަރުކޮށްދެއްވާ، މިނިވަން ފިނިހިޔަލެއްގައި ދިވެހިން ދިރިއުޅުމުގެ ހެޔޮ ނަސީބު ދެއްވި ހުސްޠާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަމްދާ ޝުކުރުދަންނަވާކަމަށެވެ.
އަދި ދިވެހިންނަށް ލިބިފައިވާ މިނިވަންކަމުގެ މި ބޮޑު ނިއުމަތް ދަމަހައްޓަން ކަމަރު ބަންނަވައިގެން ތިއްބެވި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، ޤައުމުގެ ހުންގާނުގައި މިވަގުތު ހުންނެވި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ގެ ދެކަނބަލުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުވާކަމަށެވެ.
މިނިވަންކަން ހޯދުމަކީ އެކަމެއްގައި އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކަކާއި އެތައްބަޔެއް ޙައްގުތަކެއް ޝާމިލްވާ ކަމެއްކަމަށާ މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެހެންނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމަށާ މިހާރުގެ ކޯލިޝަން ސަރުކަރުން ދިވެހި ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރަށްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންގެ ހިތްތަކުގައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ މެސެޖްގައި ވިދާޅުވީ ހަގީގީ މިނިވަންކަމަކީ ސުލްހަމަސަލަސްކަމާއި، ގައުމުގެ އިޖްތިމާއީ އަދި ފަރުދީ ހަމަޖެހުމާއި، އަދުލު އިންސާފުގެ ކަށަވަރުކަަމާއި، މުޖުތަމަޢުގެ ރައްކާތެރިކަމާއި، ރައްޔިތުންގެ މާލީ ފޯރުންތެރިކަންކަމަށެވެ.
އެހެންކަމުން، ސިޔާސީ ހަލަބޮލިކަމަށްފަހު، ދިވެހި ގައުމާއި ބައްދަލުކުރި މި މިނިވަންދުވަހަކީ، ފުރިހަމަ މިނިވަން ކަމެއް ގެ އާފެށުމެއް ކަމުގައި ހެދުމަކީ ގައުމުގެ ވެރިކަންކުރާ ފަރާތާއި ރައްޔިތުންގެ މައި މަގުސަދަށް ހެދުން ވަރަށް މުހިންމުކަމަށްވެސް ރަައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ