ޓީސީން ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗު ބިސް ބުރާ އެއްވަރު

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި މިރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ކޮލިފިކޭޝަނުގެ ފުރަތަމަ ތިން މެޗު ނިމިގެންދިޔައިރު، މޮޅެއް ހޯދި ހަމައެކަނި ޓީމަކީ ހއ. ދިއްދޫ ފުޓްބޯޅަ ޓީމެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ކ. ހުރާގެ ކޮމިއުނިޓީ ކްލަބްގެ މެޗު 1-1 އިން އެއްވަރުވިއިރު، ގދ. ގައްދޫ އަތުން ދިއްދޫ މޮޅުވީ 1-0 އިންނެވެ. 
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ޓީސީން ލީޑުނެގި އެވެ. މިއީ، އެ ޓީމުގެ ހުސެއިން ޝަރީފް (ހުސީ) ޖެހި ގޯލެކެވެ. އޭނާ މި ލަނޑު ޖެހީ، ގާނާގެ ފޯވާޑް، ޕްރިންސް ބޯޑު ދިން ޕާހަކަށް އަރައި، ބިސް ބުރުގެ ކީޕަރު، އިބްރާހިމް ސިޔާދު ބޯމަަތިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. 
ޓީސީން ލީޑުނެގި ނަމަވެސް ފުރަތަމަ ހާފު ނިމެންދެން ވެސް ލީޑުގައި ނޯވެވުނެވެ. އެ ގޮތުން، 43 ވަނަ މިނިޓްގައި ބިސް ބުރުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ޕެނަލްޓީ އަކުން މިސްރުގެ ކުޅުންތެރިޔާ، އާމިރު ޝުައައިބް އެލްސަދެކް މުހައްމަދު އެވެ. މި ޕެނަލްޓީ ދޭން ނިންމީ ބިސް ބުރުގެ މުހައްމަދު ނަޝީދު ފޮނުވާލި ޝޮޓެއް، ޓީސީގެ ޑިފެންޑަރު، މުހައްމަދު އަޖުފާން އަތުގައި ޖެހުމުންނެވެ. އާމިރު ވަނީ ތިރީ ކަނަށް ޕެނަލްޓީ އަމާޒުކޮށްލައިފަ އެވެ. 
ދެ ވަނަ ހާފުގައި އިތުރު ލަނޑެއް ޖަހައިގެން މެޗުން މޮޅުވާން ޓީސީ އާއި ބިސް ބުރުން ވެސް ލިބޭ ބޯޅަތަކުގައި ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ކާމިޔާބެއްނުވި އެވެ. 
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެެވެ.  މާލެ ރީޖަނުގެ ޗެމްޕިއަނުންގެ ގޮތުގައި ބިސް ބުރުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެ އެވެ، އަދި، ނޯތު ރީޖަނުން ލިބޭ ޖާގައިގައި ދިއްދޫން ވާދަކުރާއިރު، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަންގެ ގޮތުގައި ކޮލިފިކޭޝަނުން ފެންނާނީ ހުރާ އެވެ. ކޮލިފިކޭޝަންގެ ފަހު ޖާގަ ހޯދީ ސައުތު ލީގު ކާމިޔާބުކުރި ގައްދޫ އެވެ. ދެން، ކޮލިފިކޭޝަނުގައި ކުޅެން ޖެހިފައިވަނީ، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މި ހަ ޓީމު ވާދަކުރާއިރު، ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.
ކޮލިފައިންގެ މެޗުތައް ދެން އޮތީ ހުކުރު ދުވަހު ހަވީރު އެވެ. ބައްދަލުކުރަނީ ބިސް ބުރު އާއި ގްރީން ސްޓްރީޓްސް އެވެ.  އެރޭ ހުރާ އާއި ގައްދޫން ވާދަކުރާއިރު، ހޮނިހިރު ދުވަހުގެރޭ، ޓީސީ އާއި ދިއްދޫ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ