ކެނދިކުޅުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ.
އެގޮތުން ފައުންޑޭޝަން ފޫޓިންގްތަކަށް ބޭނުންވާ ކޮނުމުގެ މަސައްކަތާއި، ދަގަނޑު ބެންޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ފޫޓިންގްތަކުގެ ފިލާޖެހުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.
މި އަމާޒަށް ވާސިލުވުމުގެ ގޮތުން، ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތައް އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހިނގަމުންނެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކުށް މަދުކޮށް، އަމާން މުޖުތަމައެއް ބިނާކުރުމެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމާއި، ގޭންގް މާރާމާރީތައް ހުއްޓުވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ