ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖެ އިންގިލާބުގެ ތުންފަތްމައްޗަށް ގެންދަން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ރާއްޖެ އިންގިލާބުގެ ތުންފަތްމައްޗަށް ގެންދާން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ނ. ވެލިދޫގައި ބޭއްވި ”ބޮޑު ބަދަލު“ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ، މިވަގުތު ސަރުކާރުން އުޅެނީ ގައުމު އިންގިލާބުގެ ތުންފަތްމައްޗަށް ގެންދާން ކަމަށެވެ. މީގެ ކުރިން ރައީސް މައުމޫންގެ ވެރިކަމުގައިވެސް ކަންކަން ހިފަހައްޓަން ފެށުމުން ރާއްޖެ އިންގިލާބުގެ ތުންފަތްމައްޗަށް އައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ މިގައުމަށް މައްޗަށް އެރޭނީ އެމްޑީޕީގެ ބުރަކަށިމައްޗަށް އަރައިގެން ޕާޓީ ބޭނުން ކޮށްގެން ކަމަށެވެ.
ރަށަކަށް ވަޑައިގަތުމުން މީހުން ސަލާމް ކުރަން އައުމަކީ ފާފައަކަށް ހަދައިގެން އުޅޭ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒަށް ނަޝީދު ފާޑުވިދާޅުވިއެވެ. ”އަޅުގަނޑު ރަށަކަށް ދިޔައީމާ މީބަކު ސަލާމް ކޮށްލަން އައީމާ އެއީ ދެން މާ ބޮޑު ފާފައަކަށް ހަދައިފި. އަޅުގަނޑަށް އިނގޭ ރައީސް މުއިއްޒު ރަށަކަށް ގޮސްގެން މީހަކަށް ނޭންގިދާނެ ކަން. ދެން އެކަމަކާއި އަޅުގަނޑާއި ހަސަދަވެރި ވާނެ ކަމެއް ނެތް،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ކިބައިގައި ވަފާތެރިކަމެއް ނެތް ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑި ދައްކައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން، އެމަނިކުފާނަށް މަގުފަހިކޮށްދެއްވި ޢައްސާން މައުމޫން މަގާމުން ވަކިކުރެއްވީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ވަފާތެރިކަން ގެއްލި ބޭވަފާތެރި ވުމުން ރައްޔިތުން އެމީހަކު ބަލައި ނުގަންނާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މަގްބޫލުކަން ގެއްލި، އިންތިހާބުތަކުން ބަލިވަމުންދަނީ އެމަނިކުފާނުގެ ކިބައިގައި އިހުލާސްތެރިކަމެއް ނެތުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ