އަވަހަށް ހުރިހާ ރައްޔިތުން ނުކުމެ ވޯޓުލުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އަވަހަށް ހުރިހާ ރައްޔިތުން ނުކުމެ ވޯޓުލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.
ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ފޮއްޓަށް ވޯޓުލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ، ހުރިހާ ރައްޔިތުން ނުކުމެ ވޯޓު ލުމަށް އެދިލައްވާކަމަށެވެ. އަދި ވޯޓު ލުމުގެ ހުރިހާކަމެއްވެސް މިވަގުތު ރަނގަޅަށް ކުރިއަށްދާ ކަމަށާއި، އަދި މުޅި އިންތިހާބު ރަނގަޅަށް ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
"[ވޯޓުލުމުގެ އިންތިޒާމްތަކާމެދު] އަޅުގަނޑު ވަރަށް ހިއްހަމަޖެހޭ އިންގޭތޯ. ވަރަށް މިނިވަންކަމާއެކީގަ ވަރަށް ހަމަޖެހިގެން ރައްޔިތުން ވޯޓުލާން ނުކުންނަތަން އިނގޭތޯ މި ފެންނަނީ. އަޅުގަނޑުގެ އެދުމަކީ ވީހާވެސް ގިނަ ބޭފުޅުން މިއަދު ނުކުމެ މި ހަރަކާތުގައި ބައިވެރިވުން. މިއީ ޑިމޮކްރަސީއެއްގައި ވަރަށް މުހުންމު ހައްގެއް. ހުރިހާ ބޭފުޅުން އަވަހަށް ނުކުމެ ވަޑައިގެން ވޯޓުލުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސްއެއް،" ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވޯޓު ލެއްވުމުގެ ކުރިން ރައީސްގެ އަނބިކަނބަލުން މެޑަމް ފަޒްނާ ވެސް ވަނީ ވޯޓު ލައްވާފައެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ވަނީ ވޯޓު ލައްފާއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓްލުން މިއަދު 8:00 ފެށިގެން ކުރިއަށް އެބަދެ އެވެ. މި އިންތިހާބުގައި، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށި ބަހައްޓާއިރު 386 ކެންޑިޑޭޓުން 87 ގޮނޑިއަށް ވާދަކުރެއެވެ. 10 ޕާޓީއަކުން އިންތިހާބުގައި ވާދަކުރާއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 85 ގޮނޑިއަށް ވާދަ ކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުން ވާދަ ކުރާއިރު ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓުން ނުކުންނައިރު ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން ވާދަކުރެ އެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ތާއިދުކުރާ އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. އެމްޑީއޭގެ އަށް ކެންޑިޑޭޓުން ވާދަކުރާއިރު ޑީއާރްޕީގެ ފަސް ކެންޑިޑޭޓުން އަދި އެމްޓީޑީގެ އަށް ކެންޑިޑޭޓުން ވާދާ ކުރެ އެވެ. އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ