މި ސަރުކާރުގެ ސިޔާސަތަކީ އަދި އަމާޒަކީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު 20ރ. ގައި ހިފެހެއްޓުން ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ މަސްވެރިކަން ދަށްކޮށް އުޅޭ ވަގުތެއްގައި މިފްކޯއަށް މަސް ގަންނަ އަގު 20ރ. އަށް ބޮޑުކުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް 20ރ. ގައި މަހުގެ އަގު ހިފެހެއްޓުން ކަމަށެވެ.
"މި ވަގުތު މަހުގެ އަގު ތަންކޮޅެއް މަސްވެރިކަން ދަށްކޮށް އުޅޭ ވަގުތެއްގައި ބޮޑު ކުރެވޭނެ ގޮތަށް މި ހަމަޖެހިގެން މިދިޔައީ. ދެން އެހެން ނަމަވެސް ހަމަ ވޭރީ ވާނެ އެއްޗެއް މިއީ. ވެދާނެ އެއްޗެއް. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މުޅި އިންޑަސްޓްރީ ހަރުދަނާ ކުރުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ އެ އަގު ހިފެހެެއްޓޭނެ ގޮތަކަށްވޭތޯ 20ރ. ރޭޓުގައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މަހުގެ އަގު 20ރ. ގައި ހިފެހެއްޓުމަށްފަހު އެއަށްވުރެ މައްޗަށްވެސް ގެންދަން މަސައްކަތް ކުރާނެ ކަމަށާއި މަހުގެ އަގު ދަށްވާނަމަ 18ރ. އަށްވުރެ ދަށް ނުކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ދެން އެހެންމަވެސް އެންމެ ދަށްކޮށްވެސް 18ރ. އަށްވުރެ ކުޑަނުވާނެ ގޮތަކަށް މަސްވެރިކަމުގެ ސިނާއަތުގައި ކަންތައްތައް އަޅުގަނޑުމެން ސަރުކާރުގައި ތަންފީޒުކުރަމުން ގެންދާނަން. އެހެންވީމަ އަމާޒަކީ އަބަދުވެސް 20ރ. ގައި ހިފެހެއްޓުން. ދެން އެއަށްވުރެ މައްޗަށްވެސް ގެންދެވޭވަރުވީމަ ގެންދާނަން."
މަހުގެ އަގު 20ރ. އަށް އުފުލިގެންދިޔައީ މިފްކޯގެ ހިންގުން ހަރުދަނާވެ، އެ ކުންފުނިން ކުރި މަސައްކަތުގެ ނަތީޖާއިންކަން މުއިއްޒު ފާހަގަކުރެއްވި އެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން އަބަދުވެސް ބާރުއަޅާނީ މަސް ގަނެވެން އޮތް އެންމެ މަތީ އަގެއްގައި މިފްކޯއަށް ގަތުން ކަމަށެވެ.
"ސަރުކާރުގެ ކުންފުނި މިފްކޯގެ ހިންގުން ހަރުދަނާކުރަން މިފްކޯގެ ނަތީޖާ އެމީހުންގެ މަސައްކަތް ކުރުމުގެ ނަތީޖާ ރަނގަޅުކުރުމުގެ ތެރެއިން މިކަން މި ހާސިލުވެގެން މިދާ ސަބަބަކީ ހަގީގަތުގައި. ދެން 16ރ. އިން ފެށިގެން ގޮސް އެ ވަގުތުގައި މާކެޓުގައި މަސް ގަނެވެން ހުރި އެންމެ މަތީ އަގެއްގައި މިފްކޯއިން މަސް ގަންނަން ފެށުމުގެ ސިޔާސަތު ތަންފިޒުކުރުމަށް ސަރުކާރުން ބާރު އަޅަނީ،" މުއިއްޒު ވިދާޅުވި އެވެ.
މިފްކޯއަށް މަސް ގަންނަ އަގު 20ރ. އަށް ބޮޑުކުރީ ޖޫން 9، ގަ އެވެ. ޖޫން 7، އިން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު 18.50ރ. އަށް ބޮޑުކުރިއިރު، އެއީ އިރާނު ހަނގުރާމަ ފެށުމުގެކުރިން އެ ކުންފުނިން މަސް ގަންނަމުން އައި އަގެވެ. ހަނގުރާމަ ފެށުމުން މަސް ގަންނަ އަގު 17ރ. ތިރިކުރި އެވެ.
މިފްކޯއަށް މަސް ގަންނަމުން މި ދަނީ އެ ކުންފުންޏަށް ފައިދާ ނުވާ އަގެއްގަ އެވެ. އެ ކުންފުނިން ވަނީ 16ރ. އަށް ކިލޯއެއް މަގުން އެ ކުންފުންޏަށް ގަންނަނީ ގެއްލުމުގައި ކަމަށް ސެޕްޓެމްބަރު 2024، ގައި ބުނެފަ އެވެ.
މިފްކޯއިން ބުނި ގޮތުގައި 16ރ. އަށް މަސް ގަންނަން ވެސް ސަރުކާރުން ސަބްސިޑީ ބޭނުންވެ އެވެ.
މިފްކޯއިން މަހުގެ އަގު ދަށް ކުރި އަހަރުގައި ވެސް ލިބުނީ ގެއްލުމެވެ. ނަމަވެސް އެ އަހަރަކީ މަހުގެ އަގު ދަށް ކުރުމުގެ އިތުރުން، ފަހުގެ ތާރީހެއްގައި އެންމެ މަސްވެރިކަން ދަށްވީ އަހަރެވެ.
އެ އަހަރު މަސްވެރިކަން ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި، މަސްވެރިންނަށް ނުދީ ހުރި ފައިސާ ގިނަވެ ބައެއް ދޯނި ފަހަރުން މަހަށް ދިޔުން ހުއްޓާލުން ވެސް ހިމެނެ އެވެ.
ނަމަވެސް އެ މައްސަލައިގެ ފަހުން ސަރުކާރުން ވަނީ އެކަން މައްސަލަ ހައްލުކޮށް، މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލައަށް ބީއެމްއެލް ބައިވެރިކޮށްގެން ހައްލެއް ހޯދާފަ އެވެ.
އަމާޒަކީ މިފްކޯއަށް މަސް ގަންނަ އަގު 20ރ. ގައި ހިފެހެއްޓުން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ