ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި، "މިހާރު" ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިރޮނގުން މިހާތަނަށް ހޯއްދެވުނު ބައެއް ކާމީޔާބުތަކުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
އަބަދުވެސް ބޭނުންފުޅުވަނީ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާ، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެއްވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒުކަމަށާ، އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިފަދައިން، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާ، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ހަމަމިއާއެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޢަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލުތަކެއް ގެންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ހީނަރުކަން ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މިކަންކަން ހައްލުކުރެއްވުމަށްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ޖުމުލަ ގޮތެއްގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވާ މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން ފައިދާއެއް ނުލިބޭނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ