ސިޔާސީ ލީޑަރުންނާއި ކުރީގެ ޕީޖީ މުހުތާޒު އާއި ގާޒީ ނިހާން ދޫކޮށްލުމަށް ގޮވާލާއި ގއ. މާމެންދޫ ރައްޔިތުންގެ ހިނގާލުމެއް!

ބަންދުގައި ތިބި ސިޔާސީ ލިޑަރުންނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އާއި ގއ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން ދޫކޮށްލުމަށް ގޮވާލައި ގއ. މާމެންދޫގައި ހިނގާލުމެއް ބާއްވައިފިއެވެ.
މި ހިނގާލުން ބާއްވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4 އަކުން 6 އަކަށެވެ. ހިނގާލުމުގައި އެ ރަށު ރައްޔިތުން ވަނީ ޕޯސްޓަރު ހިއްފުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ހިނގާލުން ކުރިއަށްދިޔަ ވަގުތު އެ ރަށު ރައްޔިތުން ވަނީ ޕީޖީ މުހުތާޒު އާއި ގާޒީ ނިހާން ދޫކޮށްލުމަށް އެދި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިނގާފައެވެ.  
މި ހިނގާލުމުގައި އެ ރަށު 150 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު ނިހާން އާއި މުހުތާޒުގެ އާއިލާ އިން ވެސް ވަނީ ހިނގާލުމުގައި ބައިވެރިވެފައެވެ.
ހިނގާލުމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގއ މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ މިހާރު ވެސް އެ ރަށަށް ނިސްބަތްވާ ދެ ފަރާތެއް ޖަލުގެ ކުޑަ ގޮޅީގައި ދުވަސްތައް ވޭތު ކުރަމުންދާ ކަމަށާއި އެ ރަށަށް ނިސްބަތްވާ އިތުރު މީހަކު މި ވެރިކަމުގައި ނާއިންސާފުން ޖަލުގައި ދުވަސްތައް ވޭތު ކުރަމުންދާތަން ބަލަން އެ ރަށު ރައްޔިތުން ނޭދޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަނިންގމޭޓް ޑރ. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިސްބަތްވެވަޑައިގަންނަވަނީ ގއ. މާމެންދޫ އަށް ކަން ފާހަގަކުރައްވާ ޒައީމް އިތުރަށް ވިދާޅުވީ ޝަހީމް އަށް ވެވަޑައިގަންނަވާނެ ގޮތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މުހުތާޒުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުކޮށް 17 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަހުއެވެ. މުހުތާޒާއި ގއ. މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާން ޖަލަށްލީ، ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއްގައެވެ.  
    
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ